ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތް ލޫޓުން ހުއްޓާލަން ޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔެންގ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށް ހިޔާ ފްލެޓުތަކުގެ ލިފްޓު ހަރުކުރަން ދީފައިވާކަމަށް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މަޖިލިސް ކޮމިޓީގައި ހާމަކޮށްފައިވަނިކޮށް އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ސަރުކާރުން ދައުލަތް ލޫޓުން ހުއްޓާލަންޖެހޭކަމަށާ ރަށުތެރޭ ގުގުމަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައިންކަމަށެވެ.
މުއިއްޒު ސަރުކާރުން ދައުލަތް ލޫޓުވުން ހުއްޓާލަންޖެހޭ. ރަށުތެރޭ ގުގުމަނީ މުއިއްޒު ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައިން. މިއީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް. އިސްލާހުވޭ. pic.twitter.com/Ib4mtGGT4h
— Mohamed Maleeh Jamal (@maleehjamal) December 5, 2024
މަލީހު އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއްކަމަށާ ސަރުކާރުގެ ވެރިން އިސްލާހުވުމަށް ގޮވާލާކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު 90% ކޮރަޕްޝަން ހިމެނޭހެން، ޗައިނާއަށް ދީފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓްގެ މަސައްކަތް އެ އަގުގައި ހަވާލު ކޮށްފައިވަނީ، އިކޮނޮމިކް ކައުންސިލުން ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. އަދި އިކޮނޮމިކް ކައުންސިލަކީ ރައީސް މުއިއްޒު އެކުލަވާލާފައިވާ ކެބިނެޓް މިނިސްޓަރުންތަކެއް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލުން ނިންމާ ހުރިހާ ކަމަކީ ރައީސް މުއިއްޒުގެ އަމުރަށް ހިންގާ ކަންކަން ކަމުން، މިއީ ސީދާ ރައީސް މުއިއްޒުއަށް %90 ކޮރަޕްޝަންގެ ފައިސާ ލިބޭހެން ނިންމާފައިވާ ޕްރޮޖެކްޓެއްކަން ފަޒުލްގެ ވާހަކައިން ވަނީ ސާފުވެފައެވެ.