March 25, 2026
Advertisement
-
- / އިސްލާމިކް މިނިސްޓްރީ

ކެލިގްރަފީގެ ހުނަރު ދައްކާލި ދަރިވަރާ ވަޒީރު ބައްދަލުކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 9, 2024, 01:35 AM
މާލެ ސިޓީ

އިސްލާމީ ކެލިގްރަފީ އިން ހުނަރުވެރިކަން ދައްކާލި، ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ހުސެން ނާއިޝްއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

Advertisement

މި ބައްދަލުވުމުގައި ވަޒީރު ވަނީ ނާއިޝްގެ ހުނަރު އިތުރަށް ތަރައްޤީކޮށް ނާއިޝްއަށް އެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމްވަނީ ނާއިޝްއާއި އެކު އޭނާގެ ހުނަރު ކުރިއެރުވުމަށާއި ރާއްޖޭގައި ކެލިގްރަފީގެ ހުނަރު ކުރި އެރުވުމަށް ކުރެވިދާނެ މަސައްކްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ވާހަކަދެއްކުމާއި އިވުމުން މަޙުރޫމްވެފައިވާ ދަރިވަރުގެ ކުރެހުން ފުރަތަމަ އާއްމުކުރީ ޖަމާލުއްދީން ސްކޫލްއިންނެވެ. އެ ސްކޫލުގެ ފާރުގައި ޤުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފައިވާ މަންޒަރު އެ ސްކޫލުން އާއްމުކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ދަރިވަރަށް ތައުރީފްކޮށްފައެވެ.

ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރާނެ ކަމަށާއި ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއީޝްއަށް ހޯދައިދޭން ނިންމާފައިވާ ކަމަށާއި އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސަން ވެސް ވަނީ ނިންމާފައި އެވެ.

ޝަހީމް ވަނީ އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި މިފަދަ ހުރިހައި ކުދިންނަށް މި ފުރުޞަތު އޮންނާނެކަން ވެސް ހާމަކުރައްވާފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved