ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލާގައި ބުނެފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ސިޔާސަތުތަކުގެ ތެރޭގައި ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި އެ ނޫން ވެސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި ހޭލުންތެރި ރައްޔިތެއް ބިނާކުރަން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ޕީއެސްއެމްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
ނަމަވެސް، ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ޕީއެސްއެމުން ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ. އެ ކަމަކީ ގަސްތުގައި ބަދަލު ގެނެސް، އާޔަތްތަކުން މާނަ އޮޅުވާލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ތުހުމަތުކޮށްފަ އެވެ.
މައުރޫފު އިތުރަށް ވިދާޅުވީ ވަކިވަކި ފަރުދުންނަށާއި އެކިއެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ ދަށުން ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ ޒިންމާއެއް ނަމަވެސް ދައުލަތުގެ މީޑިއާއިން ފުރުސަތު ދެނީ ހަމައެކަނި ސަރުކާރުގެ ވެރިންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ހިޔާލު ތަފާތުވާ އެންމެންނާ ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށް މައުރޫފު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރައީސްގެ ބައެއް ވާހަކަފުޅުތައް ޕީއެސްއެމް އިން ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކުރާ ކަމުގެ އަޑުތައް ފެތުރެ އެވެ. މިފަހުން ބައެއް މީހުން ރައީސް މުއިއްޒުއަށް މުހާތަބު ކޮށް "ކައްޒާބު" ކިޔަމުން އަންނާތީ ދައުލަތުގެ މީޑިއާއިން ކުރިން ދައްކަމުން ދިޔަ "ކައްޒާބު ޑްރާމާ" ވެސް ޕީއެސްއެމް އިން ދެއްކުން ވަނީ މަނާ ކޮށްފަ އެވެ.