ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓުގައި ކީރިތި ގުރުއާނުގެ ބައެއް އުނިވެފައިވާތީ ރައްޔިތުންގެ އަރިހުން އެ ކުންފުނިން މައާފަށް އެދިއްޖެ އެވެ.
ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ބަލާފައިވާ ކަމަށެވެ.
އެގޮތުން އެ ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓްކުރުމުގެ ސަބަބުން ނޫން ކަމަށާއި އެހެން އެކަން ދިމާވީ، ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށް ބަޔާނުގައިވެ އެވެ.
ކޮންޓްރޯލް ރޫމްގައި އެވަގުތު ތިބި މުވައްޒަފުންގެ އިހުމާލުން މި ކުންފުނީގެ ފަރާތުން ދުރަށް ދެއްކި ކޮންޓެންޓެއްގައި ކީރިތި ގުރުއާނުގެ ބައެއް އުނިވެފައިވާތީ، އެ މުވައްޒަފުން ވަނީ މައާފަށް އެދިފައެވެ،
ދައުލަތުގެ މީޑިއާއިން ބުނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއް ފެށުމަށް ޤުރުއާން ކިޔެވިއިރު ޖަލްސާގެ ލައިވުން ބައެއް އުނިވި އެވެ.
މި ލައިވްގެ މައްސަލަ މިއަދު ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގެ ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.
މީގެ ކުރިން ވެސް ރައީސްގެ ބައެއް ވާހަކަފުޅުތައް ޕީއެސްއެމް އިން ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކުރާ ކަމުގެ އަޑުތައް ފެތުރެ އެވެ. މިފަހުން ބައެއް މީހުން ރައީސް މުއިއްޒުއަށް މުހާތަބު ކޮށް "ކައްޒާބު" ކިޔަމުން އަންނާތީ ދައުލަތުގެ މީޑިއާއިން ކުރިން ދައްކަމުން ދިޔަ "ކައްޒާބު ޑްރާމާ" ވެސް ޕީއެސްއެމް އިން ދެއްކުން ވަނީ މަނާ ކޮށްފަ އެވެ.