20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ން ހަވީރު 6:00 ގެ ނިޔަލަށް 1414ގެ ޚިދުމަތް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.