March 12, 2026
Advertisement
ސަހްޔޫނީން ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު ފަރުވާ ދޭން ގެންދަނީ. --
ސަހްޔޫނީން ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު ފަރުވާ ދޭން ގެންދަނީ. -- / އޭއެފްޕީ

ޝަރުތެއް ނެތި ސަހްޔޫނީން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލަން އދގެ އާންމު މަޖިލީހުން ފާސްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 13, 2024, 05:15 PM
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާއަށް، ސަހްޔޫނީންގެ އިސްތިއުމާރީ ފައުޖުން ދެމުންދާ ހަމަލާތައް، އެއްވެސް ޝަރުތަކާ ނުލައި، ވަގުތުން ހުއްޓައިލުމަށް ބާރު އަޅައި، އދގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

Advertisement

ގާޒާގައި "ވަގުތުން، ޝަރުތެއް ނެތި އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް" ގޮވާލައި އެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާއިރު، އެ ގަރާރު ފާސްކުރީ 193 މެމްބަރު ގައުމުތައް ހިމެނޭ މަޖިލީހުގެ 158 ވޯޓާއެކު އެވެ. މި ވޯޓުގައި ދެކޮޅަށް 8 ގައުމަކުން ވޯޓު ދީފައިވާ އިރު، 13 ގައުމަކުން ވޯޓުގައި ބައިވެރި ނުވެ އެވެ.

ސަހްޔޫނީން ހަމަލާ ދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ގާޒާގައި އާންމުންނަށް ބޭނުންވާ އެހީގެ ސާމާނު ވަގުތުން ފޯރުކޮށްދެވޭނެ މަގުތައް ތަނަވަސްކޮށްދޭން ވެސް ގޮވާލާފައިވެ އެވެ.

އދގެ އާންމު މަޖިލީހުގެ ގަރާރުތަކަށް އަމަލުކުރުން ލާޒިމު ނުވި ނަމަވެސް، މި ގަރާރު މެދުވެރިކޮށް ސަހްޔޫނީން ހަނގުރާމައިގެ ނަމުގައި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ މެދު ދުނިޔޭގެ ގިނަ ގައުމުތައް ދެކޭ ގޮތް ހާމަކޮށްފައިވާތީ، އޭގައި ސިޔާސީ ބުރަދަން ހުންނާނެ އެވެ.

ގާޒާގައި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ސަހްޔޫނީނަށް ހަމަލާދީ 1،208 މީހަކު މަރާލުމާ އެކު ބަދަލު ހިފުމަށެވެ. ސަހްޔޫނީން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 44،886 މީހުން ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved