ކީރިތި ގުރުއާނާއި ސުންނަތުގައި ހިފިވަރަކުން އަހަރުމެންގެ ކަންކަން މާތްﷲ އިސްލާހުކުރައްވާނެ ކަމަށާއި ދިރިއުޅުން ބާއްޖަވެރިވެގެންދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާނާމެދު އުފައްދާ ޝުބުހަތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޤުރުޢާނަކަކީ މާތް اللهގެ ކަލާމްފުޅު ކަމަށާއި އަދި އެ ފޮތް އަހަރުމެންނާއި ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، އެ ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
އަދި އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން، މިއަދާ ހަމައަށް ވެސް އެ ކަން ދެމި އެބަ އޮތް ކަމަށެވެ. އޭގެ ބޭނުމަކީ، މުސްލިމުން މާތް ﷲ އަށާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި އަގީދާއާ ދުރުކުރުން ކަމަށް ހުތުބާގައިވެއެވެ.
މީގެ އިތުރުން، ހުތުބާގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ އަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ މާތް ﷲ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުން ކަމަށާއި ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ވަނީ، ކީރިތި ގުރްއާނުގައި އަންގަވާފައިވާ ކަމަށެވެ.
އިސްލާމް ދީން ނައްތައިލުމަށް ޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހޭ ކަމަށާއި ދީނުގެ ކަންކަން މޮޅަށް އުނގެނި އަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހޭ ކަމަށް ހުތުބާގައިވެއެވެ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯ ކަމަށް ވެސް ހުތުބާގައިވެއެވެ.
ޚުތުބާގައި ބުނީ، ކީރިތި ޤުރުޢާނާ ރަސޫލާ ސޢވގެ ސުންނަތާ އަހަރެމެން ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ ކަމަށެވެ. އަދި އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި ޢަމަލެއް ބޭކާރުވެގެންދާ ކަމަށާ، އޭރުން އެމީހުން ދާއިމަށް ތިބޭން ޖެހޭނެ ތަނަކީ ނަރަކަ ކަމަށެވެ.