އިގްތިސާދީ ގޮތުން ގައުމު ހީނަރުވެފައިވާ ދުވަސްކޮޅެއްގައި އަތޮޅުތެރެއަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ދައުލަތުގެ ބަޖެޓުން އިސްރާފް ކުރުން ކަމުގައި ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ އެކްސް އެކައުންޓްގައި މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މަލީހް ވިދާޅުވެފައިވަނީ، އަތޮޅު ތެރޭގައި ފާއިތުވެދިޔަ އަހަރު ތެރޭގައި އެއްވެސް މަޝްރޫއުއެއް ހިންގާފައިނުވާއިރު، މި ދަތުރުތަކަކީ ސަރުކާރަށް ހެދިފައިވާ ގޯސްތައް ފަސްއަޅާ ފޮރުވުމަށް މުއިއްޒު ކުރައްވާ ދަތުރުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އަތޮޅުތެރޭ އެއްވެސް ތަރައްޤީގެ މަަޝްރޫޢެއް ނުހިންގާ ބޮޑު ޚަދަރު ދައުލަތުންކޮށްގެން މުއިއްޒު މިހާރު އެކުރައްވާދަތުރުތަކަކީ މިދަތި ދަނޑިވަޅުގައި ކުރާ އިސްރާފެއް.ސަރުކާރުން ހަދާފައިވާ ބޮޑެތި ގޯސްތަކުމަތީ ފަސްއަޅާ ފޮރުވަން ހިންގާ ޢަމަލެއް.މުއިއްޒަށް ނުވިކަން ރައްޔިތުން ޤަބޫލުކޮށްފި. pic.twitter.com/taj7vWmeg9
— Mohamed Maleeh Jamal (@maleehjamal) December 15, 2024
މީގެ އިތުރުން، ރައީސް މުއިއްޒަކީ ވެރިކަން ކުރަން ނޭގޭ، އަދި ނޭގުނު ވެރިއެއްކަން ރައްޔިތުން މިހާރު ގަބޫލުކޮށްފި ކަމަށް މަލީހްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރަށްރަށަށް ދަތުރުކުރައްވާ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މުއިއްޒު ގެންދަވަނީ އަނެއްކާވެސް "ހޮޅި ވައުދުތައް" އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ކުރައްވަމުންނެވެ.
މިއާއިއެކު، މި ދަތުރުފުޅުގައި ގިނަ ރަށްރަށުން މުއިއްޒަށް ލިބެމުންދާ ތަރުހީބު ކުޑަކަން ފާހަގަކުރެވެއެވެ.