April 25, 2026
Advertisement
ބަންގްލަދޭޝްގައި އެކުލަވައިލި ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޔޫނުސް
ބަންގްލަދޭޝްގައި އެކުލަވައިލި ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޔޫނުސް / އޭޕީ

ބަންގްލަދޭޝްގެ އާންމު އިންތިހާބު ބާއްވާނެ ސާފު ތާރީހެއް އަދި ނެތް..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 17, 2024, 05:49 PM
މާލެ ސިޓީ

ބަންގްލަދޭޝްގެ އިންތިހާބު 2025 ގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ބާއްވާނެ ކަމަށް އެ ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.

Advertisement

ބަންގްލަދޭޝްގެ ދަރިވަރުން ނުކުމެ ކުރި މުޒާހަރާކޮށް މިއަހަރުގެ އޮގަސްޓް މަހު ކުރީގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވައްޓާލުމަށްފަހު، އެ ގައުމުގެ ވަގުތީ ލީޑަރަކަށް އައްޔަންކުރެއްވި ޔޫނުސްއަށް އަންނަނީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ޕްރެޝާ ބޮޑުވަމުންނެވެ.

އުމުރުން 84 އަހަރުގެ ޔޫނުސް ގެންދަވަނީ ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ނިޒާމު އަލުން ގާއިމު ކުރުމުގެ ޒިންމާ ގޮންޖެހުންތަކާއެކު ވެސް އަދާކުރައްވަން މަސައްކަތްކުރަވަމުންނެވެ.

2025 ވަނަ އަހަރު ނިމުމުގެ ކުރިން ނުވަތަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިންތިހާބުގެ ތާރީހުތައް ކަނޑައެޅިދާނެ،

ދައުލަތުގެ ޓީވީގައި ދެއްވި ބަޔާނެއްގައި ޔޫނުސް ވިދާޅުވި އެވެ.

ޔޫނުސްއަކީ ބަންގްލަދޭޝްގެ ފަގީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޔޫނުސްއަކީ މީގެ ކުރިން، ހަސީނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެއް ވެސްމެއެވެ.

ބަންގްލަދޭޝްގެ ވެރިކަން ވެއްޓުނީ އެ ގައުމުގައި މިދިޔަ ޖުލައި މަހު ކުރި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ބޮޑުވަޒީރު ޝައިހް ހަސީނާ އޯގަސްޓް 5، ގައި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލެވުމުންނެވެ. އުމުރުން 77 އަހަރުގެ ހަސީނާ، ބޮޑުވަޒީރުކަން ދޫކުރައްވައި ފިއްލަވައިގެން ހެލިކޮޕްޓަރެއްގައި ވަޑައިގެން މިހާރު އުޅުއްވަނީ އިންޑިއާގަ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން އާންމު އިންތިހާބެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. ހަސީނާ ކާމިޔާބު ކުރެއްވި އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved