ސަރުކާރު މަގުން ކައްސާލުމުން ހަމަ މަގަށް އަޅުވާ ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުން ޖެހޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އެތައްކަމެއް ކޮށް އަދި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އުނިކަން ގެންނަމުންދާއިރުވެސް އެކަންކަން ނުފެންނަ ކަމަށް ހެދިގެން މަޖިލީހުގެ މެމްބަރުން ތިބޭތީ ނުރުހުން ފާޅުކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެއީ ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ ޚާދިމުންކަމަށާ އެހެންކަމުން ރައްޔިތުންގެ ބޯހިޔާވަހިކަން ފަދަ ހައްގުތަކަށް އަރައިގަނެ، ނުދީ ހިފަހައްޓަމުންދާއިރު އެކަންކަމާ ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންނަށް ޝަކުވާތަކަށް ނިމުމެއް ގެނެސްދޭން ޖެހޭ ކަމަށެވެ.
ސަރުކާރު މަގުން ކައްސާލައިގެން ގޮސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތީމަ އެކަންކަން ބަލަން ޖެހެނީ މަޖިލީހުން
ރައީސް ޔާމީން ވިދާޅުވީ މަޖިލީހަކީ ރައީސް މުއިއްޒު ނުވަތަ ދިމްޔާތު މަޖިލީހެއް ނޫން ކަމަށާ އެހެންކަމުން ރައްޔިތުންގެ ހައްގުގައި މެމްބަރުންނަށް ބަސްބުނެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ މަޖިލީހުގެ ގޮނޑި ގެއްލިދާނެކަމުގެ ބިރަށް މެމްބަރުން އަނގަ ހުޅުވާލަން ނުކެރިފައި ތިބޭ މަންޒަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.