ކުރީގެ އޭސީޕީ އަލީ ރަޝީދު އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލާ ފުރައްސާކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ދައުރުވަމުން ދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅުމާލޭގެ ހިސާބަކުން ފުޓުބޯޅަ ކުޅެ ނިމިގެން ހުރި ކުއްޖަކު ބަލާ އެ ކުއްޖާގެ މަންމަ ދަނިކޮށް ސައިކަލަކުން އައިސް އަލީ ރަޝީދު އެ އަންހެން މީހާ ފަހަތުންދާ މަންޒަރެވެ. އަދި ހިނގާފައި ދަމުން އެ އަންހެން މީހާގެ އަތުގައި ހިފަން މަސައްކަތްކުރުމުން އެ އަންހެން މީހާ އަތް ފޮޅުވާލާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް އަލީ ރަޝީދު ދޫ ނުދީ އެ އަންހެން މީހާ ފަހަތުން ދަނިކޮށް އަންހެން މީހާ ދަރިފުޅު ކަމަށް ބެލެވޭ ކުއްޖަކު އައިސް އަންހެން މީހާ ކައިރީ ހުއްޓުމުން އެ ކުއްޖާއާ ސަލާން ކުރަން ކަމަށް ހަދާފައިވެސް އަލީ ރަޝީދު އެ އަންހެން މީހާގެ ގަޔަށް އަތް ފޯރުވަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. ނަމަވެސް އަންހެން މީހާ އެ ފުރުސަތު ނުދީ ހިނގައިގަތުމުން އަލީ ރަޝީދު ގޮސް އޭނާގެ ސައިކަލަށް އަރައިގެން ދެއެވެ.
މިކަމާ ގުޅިގެން އަލީ ރަޝީދުގެ ބަހެއް ހޯދާލަން "ތޭރަ އޮންލައިން" އިން ގުޅުމުން އޭނާ ވިދާޅުވެފައިވަނީ، އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށާ އެ އަންހެން މީހާއަކީ އޭނާގެ ކުރީގެ އަނބިމީހާ ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ އެ ކުއްޖާއާ ސަލާން ކޮށްލުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަލީ ރަޝީދު މިހެން ވިދާޅުވެފައިވީ ނަމަވެސް ވީޑިއޯއިން ފެންނައިރު އެ ކުއްޖާއާ ހަމައަށް ދިއުމުގެ މާކުރިންވެސް އަލީ ރަޝީދު އެ އަންހެން މީހާއަށް ގޯނާކޮށް ގައިގައި އަތްލަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކޮށްފައިވާއިރު، "ތޭރަ އޮންލައިން"އަށް މައުލޫމާތު ދިން ބައެއް ފުލުހުންވެސް ހާމަކޮށްފައިވާ ގޮތުގައި އެއީ އަލީ ރަޝީދުގެ އާންމު ކަމެކެވެ. ފުލުހުންގެ އިދާރާގައި އޭނާ މަސައްކަތްކުރި އިރުވެސް ގިނަ އަންހެން ފުލުހުންނަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަކުރިމަތިވެފައިވެއެވެ.
ނިމިދިޔަ ސަރުކާރުގައި، ސިޔާސީ ގޮތުން މީހުން ފްރޭމުކުރުމަށް ފުލުހުންގެ ތެރެއިން މަސައްކަތްކުރި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އަލީ ރަޝީދު މީގެ ކުރިން، ވިލިނގިލީގައި ހުންނަ ސިފައިންގެ މީހުންގެ ފްލެޓެއްގެ ލިފްޓު ތެރެއިންވެސް އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަލީ ރަޝީދުގެ މައްސަލަ ރިޕޯޓުކުރި ނަމަވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަމީހަކަށްވާތީ މައްސަލަ ކޮންމެ ފަހަރަކުވެސް އޮބެނީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަލީ ރަޝީދު މަގާމުން ރިޓަޔަރ ކުރެއްވީ ސަރުކާރު ބަދަލުވުމުންނެވެ.
މިފަދަ ކަންކަން މިހެން ހިނގަމުންދާތީ ގިނަ ބއެއްގެ އިތުބާރު މިއަދު ފުލުހުންގެ އިދާރާގެ މައްޗަށް ވަނީ ގެއްލިފައެވެ. އިންސާފު ހޯދަން ދާނެ ތަނެއް މިއަދު މި ރާއްޖޭގައި ނެތް ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.