ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވި ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު އެއްކޮށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާއިރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތި ތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ވަނީ ފަޅާއަރާފަ އެވެ.
ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުވެސް ހިމެނިފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ކޮއްކޮ ފަޒީލް ހިމެނެނު ނަމަވެސް އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފައެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.