ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް ހުޅުމާލެއިން ބިންދީ, އުސޫލާ ހިލާފަށް, އެޗްޑީސީއިން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު, އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފިއެވެ.
ބިންވެރިޔާ ސްކީމުން ބިން ލިބިފައި ނުވަނީސް, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ, އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު, މުޙައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިން ދީފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތި ވެފައެވެ.
މިކަމާއި ގުޅިގެން ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ގޯތި ހަވާލުކުރުން އިންތިހާއަށް ލަސްވެފައިވާ މި ދަނޑިވަޅުގައި، ސައްހަ ނޫން ލިޔެކިޔުން އުފައްދައި ހުށަހަޅައިގެން ހުޅުމާލޭގެ ބިމުން "ވަގަށް ގޯތި ކަނޑައި ދޫކޮށްފައިވާ" މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ގޯތީގެ ސައްހަ ނޫން ލިޔުން ތައްޔާރުކޮށްގެން އިންފާރު ރާނަން އެދުނު ހިސާބުން ވެސް މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ހަވާލުކޮށްފައިވާ ގޯތި ނޫންކަން އެޗްޑީސީއަށް ސާފުވާކަން އާންމުވެފައިވާ ލިޔެކިޔުމުން ދައްކަ އެވެ. އެހެން ނަމަވެސް އިންފާރު ރާނަން އެޗްޑީސީން ހުއްދަ ދީ، ވަގު ގޯތީގެ އިންފާރު ރާނާފައިވަނީ އެޗްޑީސީގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ސާފުކޮށް އެނގެ އެވެ، މި ބޮޑު ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅައި ތަހުގީގު ކުރުމަށް އެދުމުގެ ބަދަލުގައި އެ ކުންފުނިން އެ މައްސަލަ ސިއްރުކުރި ކަމީ މިއަދު ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމެކެވެ.
ޑިމޮކްރެޓްސްއިން ބުނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ބޭބޭފުޅުންގެ ފަރާތުން ތަކުރާރުކޮށް އިވި، ފެންނަމުންދާ ކަންކަމުން، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ މި ސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިކަން ސާފުވާ ކަމަށެވެ.
އަދި ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ހަމައިން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެ، ލަސްކުރަމުންދަނީ އެ ބާވަރުގެ ކޮރަޕްޝަންގެ ޖަރީމާތަކަށް ކަންފަހިކުރުމަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ކޮއްކޮ ފަޒީލް ހިމެނެނު ނަމަވެސް އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފައެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.