ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތަކެއް މުޅިން އަލަށް އެކުލަވައިލައި އާންމުކޮށްފި އެވެ.
އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއުއާއި ގިޔާސްއާއި އިސްލާމީ ފިގުހުގެ ގަވާއިދުތަކާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތަކުގެ އަލީގައްޔާއި ބައިނަލްއަގްވާމީ އިސްލާމީ ފިގުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސުތަކުގެ ގަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ގައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން އަމަލުކުރަމުންދާ ފިގްހީ އުސޫލުތަކަށް ބަލައިގެންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގުސަދު ހާސިލްވަމުންދާކަމަށެވެ. އަދި މިއަދު އާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުވެދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.