

ވެރިކަމުގައި މިހާރު ތިބި މީހުންގެ ތެރެއިން ގިނައީ ހޮވާކާ ފިކުރުގެ މީހުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން މިހާރު ސަރުކާރުގައި ތިބި ބައެއް މީހުންނަށް އަމާޒުކޮށް ފާޑުވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ވެރިކަމުގައި ތިބި މީހުންގެ ތެރޭގައި ގިނައީ ކޮންމެ ގޮތެއް ވަރިހަމަ މީހުން ކަމަށާ އެމީހުންގެ މިސާލަކީ ފެން އޮތްތަނަށް ދުވާ މަހުގެ މިސާލު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމާ އަދި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގައި އަމަލުކުރަމުންދާ ގޮތުންވެސް އެކަން ހާމަވާ ކަމަށެވެ.
މީގެ ކުރިން އައި ފިކުރުތަކާ މުޅިން ޚިލާފު މާ ބިރުވެރި ފިކުރެއް މިހާރު އެބައޮތް. އެއީ ހޮވާކާ ފިކުރު. އެއީ ވަކިފިކުރެއްނެތް ކޮންމެ ގޮތެއް ހެޔޮ ބައެއް. ޕަރުވާނާތައް އުޅޭހެން ދިއްލި އޮތް ބޮއްކެއް އޮތިއްޔާ އެއެއްގެ ދަށުގައި އެނބުރޭނެ. އަދިވެސް ގައުމީ ވަޠަނީ ފިކުރުގައި މިތިބީ ހަމަ އަޅުގަޑުމެން.
ރައީސް ޔާމީން ވިދާޅުވީ މިހާރު ވެރިކަމުގައި ތިބީ ރައްޔިތުންނަށް ހެވެއް އެދޭ ބައެއް ނޫން ކަމަށާ މިހާރު ތިބި ވެރިންނަކީ އަމިއްލަ މަންފާއަށް އުޅޭ މީހުން ކަމަށެވެ.