ނިހާދު / ސޯޝަލް މީޑިއާ
ހަބަރު, ސިޔާސީ
އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ތުހުމަތުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ޑިސެމްބަރު 2024
މާލެ ސިޓީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ތުހުމަތުކުރައްވައިފި އެވެ.

ޕީއެންސީން ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާދު ރޭ ވިދާޅުވީ، ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނަ ބުރާސްފަތި ދުވަހު އަންނައިރު، އެ ފަތުރުވެރިން ގެނައުމަށްޓަކައި ސަރުކާރުން ނުކުމެ ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދިވެހި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ބޭރުން ލިބޭ މަންފާ އާއި ފައިސާގެ އެހީއާއި، ބޮޑެތި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި ޓެރަރިޒަމް ހަމަލާއެއް ރާވާފައިވާ ކަމަށެވެ.

މިއަދު އަޅުގަނޑު މި ދަންނަވަނީ ދެ މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށްޓަކައި ތައްޔާރުވެފައިވާ ހިނދު، މާދަމާ ނުން އަނެއް ދުވަހު، އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް،

- ނިހާދު

އެ ޓެރަރިސްޓް ހަމަލާ އެމްޑީޕީން ދޭންއުޅެނީ ރާއްޖޭގެ ތިން ރިސޯޓަކަށް މިއަދު ހަވީރު އަރައިގެން ކަމަށް ތުހުމަތު ކުރައްވާ ނިހާދު ވިދާޅުވީ އެ ރިސޯޓަށް ބައްދަލުވުމަކަށް ދާން އެދުމުން ރިސޯޓުން އެކަމަށް ހުއްދަ ނުދިނުމުން ވެސް ގަދަ ބާރުން ރަށަށް އަރަން ތައްޔާރުވެފައިވާ ކަމަށެވެ.

އެމްޑީޕީން ރިސޯޓުތަކަށް އަރަން ރާވަމުންދާ ކަމަށް ވިދާޅުވެ، އެ ތުހުމަތު އެމްޑީޕީގެ ބޮލުގައި އެޅުވީ ސީދާ ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް އަދި އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ނިހާދުގެ ވާހަކައިގައި ހާމަކޮށްފައެއް ނުވެއެވެ.

ނިހާދުގެ އެ ވާހަކަ ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ހަރަކާތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ، އެއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނަވައިގެން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ތުހުމަތެއް ނޫން ކަމަށާއި ވެރިކަން ކުރާ ޕާޓީން ކުރާ އެފަދަ ތުހުމަތުތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ރާއްޖޭގެ ޓޫރިޒަމަށް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved