ފަޒުލް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހަބަރު
ފަޒުލް ދިރިއުޅޭ ގެ ފުލުހުން ބަލާފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ޑިސެމްބަރު 2024
މާލެ ސިޓީ

"ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ދޫކުރި ކަމަށް ބެލެވޭ މައްސަލައިގެ ތަހުގީގުގެ ތެެރެއިން އެ ކުންފުނިން އިސްތިއުފާ ދެއްވި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ގެ ފުލުހުން ބަލައި ފާސްކޮށްފި އެެވެ.


މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާގެ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި، އިލެކްޓްރޯނިކް ބައެއް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏަސް، ގެންދިޔަ ތަކެތީގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ހުޅުމާލެ އިން ވަގަށް ބިންތަކެއް ވިއްކި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުން ދަނިކޮށް، އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލްގެ ގެ ރޭ ފުލުހުން ފާސްކުރި އިރު، އެޗްޑީސީން ފަޅާލައިގެން 5 ލެޕްޓޮޕް ނެގި މައްސަލައެއް އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން އެ ތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.

ވަގު ގޯތި ދީފައިވަނީ ޑޮކިއުމެންޓް ފޯޖްކޮށްގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެކަން ހާމަވެފައިވަނީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވާއިރު، ގޯއްޗެއް ލިބުނުކަމަށް ނިންމާ ވަށާފާރު ރޭނި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ގޯތީގެ އިތުރުންވެސް ފަޒުލް އެޗްޑީސީގައި ގިނަ ހިޔާނާތުގެ އަމަލުތަކެއް ހިންގިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމާއި ގުޅިގެން އެޗްޑީސީގެ ގިނަ އަދަދެއްގެ އިސްވެރިންނާއި މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މިކަންކަން ފާހަގަކޮށް، އެޗްޑީސީގެ ކުރީގެ ޗެއާޕާސަން އަހުމަދު ޒުހޫރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މީގެ ފަސް މަސް ކުރިން ސިޓީއެއް ފޮނުއްވާފަ އެވެ. ނަމަވެސް ރައީސް މުއިއްޒު އަށް އެ ސިޓީ މުހިންމު ނުވެ ވަޒީފާއިން ވަކިކުރީ ޒުހޫރު އެވެ.

ހުޅުމާލޭ ފްލެޓާއި ގޯތި މައްސަލާގައި ޕްރޮސެކިޔުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އެންގެވުމަކަށް އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ހިންގަމުންނެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved