

އެޗްޑީސިގެ ތެރެއިން ދާދި ފަހުން ތިލަވި ބޮޑޫ ވައްކަމުގެ ތަހުގީގަށް މަގުފަހިކުރުމަށް ކަމަށް ބުނެ އެ ކުންފުނީގެ ވަޒީފާއިން ކަނޑާލި މުވައްޒަފުން އަނބުރާ ދީފިއެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކި ކުރި 15 މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދީފައިވީ ނަމަވެސް އެ ހުރިހާ މުވައްޒަފުން ވެސް ތިބީ ސަސްޕެންޝަންގައި މުސާރަ ހިނގާގޮތަށް ކަމަށެވެ.
ވަގު ގޯތި ވައްކަމުގެ މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކަށް ފަހުއެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެޗްޑީސީގެ ބައިވެރިވެރިވުމާ އެކު ގޯތި ނުލިބޭ މީހުންނަށް ވެސް ވަނީ ގޯތި ދީފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމު ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލު ރަޝީދުވެސް ހިމެނެއެވެ. ފަޒުލް ހާމަކުރި ގޮތުގައި އެއީ އިއްތިފާގެކެވެ.
ގޯތި ވައްކަމާ ގުޅިގެން ފެންމަތިވި ކަންކަމާ ގުޅިގެން އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގުތަކަށް ފުރުސަތު ދިނުމަށް ކަމަށް ބުނެ އޭރު ސަސްޕެންޑުކޮށްފައި ތިބި 15 މުވައްޒަފުން ވަޒީފާއިން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އޭރު ވަކިކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ވެސް ހިމެނޭއިރު ބައެއް މުވައްޒަފުން މިހާރު ސަސްޕެންޑްވެސް ކޮށްފައިވެއެވެ. މީގެ ތެރޭގައި އެކަކު ފިޔަވައި އެންމެންނަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ.