މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު އުވައިލައްވައި، ވަޒީރުންގެ މަޖިލީހުގެ ޕޯޓްފޯލިއޯތަކަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންނަވައިފި އެވެ.
ސަރުކާރުން ވަނީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލެއްވުމަށް ފަހު، އެ މިނިސްޓްރީގެ ހިންގުން ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މުއްތަލިބާ ހަވާލުކުރައްވާފައެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި، އަލީ ހައިދަރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރައްވާފައެވެ. އަދި، ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި މަރިޔަމް މާރިޔާ ވަނީ އެގްރިކަލްޗާ މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ވަޒީރުކަމަށް ފުރަތަމަ އައްޔަންކުރެއްވި ޑރ.ރަމީލާވަނީ އާލާސްކަންފުޅާ އުޅުއްވާތީ އެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓްރީ އުވައިލެއްވިއިރު އެ މިނިސްޓްރީއަކީ މި ސަރުކާރުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް މިނިސްޓްރީ އެވެ. ހާއްސަކޮށް ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނުނުކުރެވި ލަސްވަމުންދާތީ މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ކެބިނެޓަށް މި ގެނައި ބަދަލާއެކީ، މިހާރު ސަރުކާރުގައި އޮންނަނީ 21 މިނިސްޓްރީއެކެވެ. މިއީ ވެރިކަމާ ހަވާލުވީ ފަހުން މި ހިނގި އަހަރަކާއި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެބިނެޓަށް ގެނައި ދެވަނަ ބަދަލެވެ.
ކުރިން ކެބިނެޓަށް ބަދަލު ގެނައީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނައި ބަދަލުތަކެކެވެ.