މިފަހުން އިސްތިއުފާ ދެއްވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ފިއްލަވަން އިންޑިއާ ދިޔަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާ ވާހަކަ ދައްކައިފި އެވެ.
މުއާޒް ފެނަކައިގެ އެމްޑީގެ މަޤާމުން އިސްތިއުފާ ދެއްވީ މި ހަފުތާގެ ހޯމަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން، އެކި ފަރާތްތަކުން ދަނީ މުއާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. މި ގޮތުން އޭނާގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައް ކޮށް، އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ.
މުއާޒު މަގާމުން އިސްތިއުފާ ދިނުމުން ވެރިކަން ކުރާ ޕީއެންސީގެ ސަޕޯޓަރުން އަންނަނީ މުއާޒް އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ކަމަށް ބުނަމުން ނެވެ. އެ ތުހުމަތުތައް މުއާޒު ދޮގުކުރެ އެވެ.
މުއާޒުއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ އޭނާ ރާއްޖެ ދޫކޮށް ފިލީކަމަށް ދެކެވޭ ވާހަކަ އަށް ރައްދު ދީ ސޯޝަލް މީޑިއާ ކުރި ޕޯސްޓެއްގައި ބުނީ ފިލަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ ކަމަށެވެ.
އަދި އާއިލާ ގޮވައިގެން އިންޑިއާ އަށް ވަޑައިގެންނެވީ ބޭސް ފަރުވާއެއްގެ އިތުރުން ޗުއްޓީއަކަށް ކަމަށް ވިދާޅުވި އެވެ.
މުއާޒު މިފަދައިން ވިދާޅުވެފައިވާއިރު އޭނާގެ އިސްތިއުފާ ސިޓީގައި ވެސް ވަނީ ސަރުކާރަށް ގިނަ ތުހުމަތުތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން މުއާޒުވަނީ، ސަރުކާރުން ފެނަކަ ހިންގުމަށް އެއްބާރުލުން ނުދޭކަމަށް ތުހުމަތުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.
މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.