

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ގިނަ އަދަދެއްގެ މެމްބަރުން ގުޅިއްޖެއެވެ.
ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ ކެންޑިޑޭޓުން ތަޢާރަފުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ 550 އަށް ވުރެ ގިނަ މެމްބަރުން ޕީއެންއެފާ ގުޅިފައެވެ.
އެގޮތުން އދ. މާމިގިލި، ށ. ކަނޑިތީމު، ރ.އިނގުރައިދޫ، ރ. މަޑުއްވަރީގެ އިތުރުން ހުޅުމާލެ މެދު ދާއިރާއިން ވެސް ވަނީ ގިނަ އަދަދެއްގެ މެމްބަރުން ޕީއެންއެފްއާ ގުޅިފައެވެ. މީގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެ މެމްބަރުންގެ ފޯމުތައް ހަވާލުކޮށްފައެވެ މި ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންއެވެ.
ޕީއެންއެފްއަކީ ރައީސް ޔާމީން އަލަށް އުފައްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ޕާޓީއެވެ. ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް، ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނާއި، ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި، ޕާޓީގެ މަގްސަދަކީ، މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.