
އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފެއިލްވެފައިވާ ކަން ދޭހަވާ ފަދަ މޭރުމަކުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވާހަކަ ދައްކަވައިފިއެވެ.
މަލީހުގެ ފާޑުކިޔުން ސައީދަށް އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރ ސައީދާއި ހަވާލުކުރި އެއްވެސް ކަމެއް އަހަރު ދުވަސް ފާއިރުވެގެން ދިޔައިރު ކޯވަރެއްގެ މިންވަރުވެސް ހާސިލްކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ އިޤްތިސޯދު ހަމަޔަށް އަޅުވަން ހަވާލުކުރި ޒިންމާ ވެސް އޮތީ ނުވެ ކަމަށާ 1 އަހަރު ވީއިރު ޑޮލަރު ރޭޓުވެސް އަތް ފޯރާ ފަަށް ނުގެނެވި މިހަރު ޑޮލަރު ހުރީ 19.40ގައި ކަންވެސް މަލީހު ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ބަންކަރިން ޚިދުމަތް ފެށީ އިގްތިސޯދަށް ފައިސާ ވައްދަން ނަމަވެސް އެ ޚިދުމަތުން ދައުލަތަށްވީ އެތައް މިލިއަން ޑޮލަރުގެ ގެއްލުން ކަމަށް ވެސް މަލީހުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ހަމަ އެހެންމެ ފައިސާ ރޯލުކުރަން މޮޅެތި ނަންނަމުގައި އެޕްތައް ތައާރަފްކުރާނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް ޕޭޕަލް ފަދަ ޚިދުމަތްތައްވެސް ނުގެނެވުނު ކަން މަލީހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސައީދަށް ވެއްދުނު އިންވެސްޓްމަންޓެއް ނެތްއިރު ގައުމަށް ލޯނެއް ވެސް ނުހޯދުނު ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.
އޭގެ ބަދަލުގައި އިންފްލޭޝަން އަރއިގެން ދިޔައީ އަތްނުފޯރާ ފަށަށް ކަން ފާހަގަކުރައްވާ މަލީހު ވަނީ ސައީދު ވަޒީރުކަމުގައި ހުންނަވާ ކުރައްވަނީ ކީއް ކަމާ މެދު ސުވާލު އުފައްދަވާފައެވެ.










