ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީން ފުލުހުންނަށް: ގެތައް ބަލާ ފާސްކުރަން "ގޮޑްލީ އަވާޒް"ގައި ވަނުން ޚިޔާރު ކުރައްވާ
Mariyam Isaadha
މަރިޔަމް އިސާދާ
29 ޑިސެމްބަރު 2024
މާލެ ސިޓީ

ކޯޓު އަމުރުތަކުގެ ދަށުން މީހުން ދިރިއުޅޭ ގެތައް ބަލާ ފާސްކުރަން ފުލުހުން ގެތަކަށް ރޭގަނޑު ދަންވަރު ވަނުން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކުރައްވައިފިއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުން ރޭގަނޑުގެ އަރާމު ނިދިން ނިދާފައި ތިއްބާ ގޭގެއަށް ވަންނަ ވަނުމާ ގުޅިގެން މާލޭގެ މޭޔަރ އާދަމް އާޒިމް ފާޅުކުރި ކަންބޮޑުވުމަށް އެމަނިކުފާނުވެސް ތާއީދުކުރައްވާ ކަމަށާ އެހެން އެކަން ހިނގައިގެން ނުވާނެ ކަމަށް އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ 14 މަސް ދުވަސް ވެގެން ދިޔައިރު ނުވި އެމަރޖެންސީއެއް ކުއްލިއަކަށް ވެގެން އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅެމުންދާ ގެއަށް، ރޭގަނޑެއްގެ ދަން ގަޑިއެއްގައި ވަދެ ފުލުހުން ބަލާ ފާސްކުރަން ނުޖެހޭނެ ކަމަށެވެ. 14 މަސް މަޑު ކުރި ގޮތަށް ދެން ވެސް އެއްރޭ މަޑު ކޮށްލެވެން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯޓު އޯޑަރ ނަގައިގެން ގެތައް ބަލާފާސްކުރުމަކީ ހަމަ އެންމެ ރަގަޅުކަމެއް. އެކަމު، އާދަމް އާޒިމް ވިދާޅުވާހެން އެކަންކަން ކުރުމުގައި ދަންވަރު ގޭގެއަށް ގޮސް ނުކުރުމަކީ ވަރަށް ރަގަޅު ވާހަކައެއް. އަޅުގަޑު އެކަމަށް ހަމަ ތާއީދު ކުރަން. އެއީ ގޭގޭގައި ކުޑަ ކުދިންނާ ދޮށީ މީހުންނާ އަރާމުގެ ވަގުތުގައި ތިއްބަކައެއް ނޫން ދެއްތޯ މިގޮތަށް ވަދެ ގަންނާނީ. އެއީ 14 މަސް ދުވަސް ވެއްޖެ ކަމެއް އިނގޭތޯ. އެހެންވީމަ މިރޭ އަޅުގަޑު ހަމަ ފުލުހުންނަށް އިލްތިމާސްކުރަން މިއީ ތަހުޒީބީ މުޖުތަމައުގައި ކަންކަން ކުރާ ގޮތެއް ނޫން. ކޮންމެ ހެނެއް ދަންވަރުގެ ގަޑީގައި ގެތަަކަށް ވަދެ ތުއްތު ކުދިންނާ ދޮށީ މީހުންނާ މީގެ ތެރެއަށް ވައްދައިގެން މި ސަކަރާތް ޖަހާކަށް ނުޖެހޭ އިނގޭތޯ. ގެތައް ބަލާ ފާސްކުރަން "އަންގޮޑްލީ އަވާޒް"ގައި ނުވަންނާށޭ އަޅުގަޑު ބުނެލަން އޮތީ. މިހާރު ފުލުހަކު ފެނުނަސް ރައްޔިތުން ބިރު ގަނޭ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ ބަލަންވާނެ ކަމަށާ ނަމަވެސް މިހާރު އެމްޑީޕީ ސަރުކާރުގެ ވެރިންގެ މައްސަލަތައް ކުއްލިއަކަށް ފެންމަތިކޮށް މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އޮއްބާލަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މާލޭ މޭޔަރ އާޒިމް ވިދާޅުވީ، މިއަދު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށާ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތު، ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރެއިޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށެވެ.

ކޯޓު އަމުރު ހޯދައިގެން ދަންވަރު މީހުން ނިދާފަ ތިއްބާ "ނުރައްކާތެރި ހާއްސަ ހާލަތެއްނެތި" ހުރުމަތް ތެރި ވެގެންވާ މީހުންގެ ގެދޮރަށް ފުލުހުން ވަންނަންފެށި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދުރާލާ ބަލަމުންދާ މައްސަލައެއްގައި މޫކޭ ދިރިއުޅޭގެ ހާއްސަކޮށް އޭނާގެ އަންހެނުންނާއި ދަރިން ދިރިއުޅޭ އެޕާންޓްމަންޓަށް "ދަންވަރު" ރެއިޑުކުރުމާ ގުޅިގެން ގިނަބަޔަކު އަންނަނީ އެއީ ނުރައްކާތެރި ފެށުމެއް އަދި ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved