
2025 ގައި އައު ދިރުމެއް ދިވެހި ގައުމަށް ގެނެވޭނީ ދިވެހި އާންމު ރައްޔިތުން އައު ހިތްވަރެއް ކޮށްގެން، އައު އަޒުމެއްގައި އަތުކުރި އޮޅާލައިގެެންކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ މީލާދީ އައު އަހަރުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވާ ފޮނުއްވި މެސެޖުގައެވެ.
ދިވެހިންނަށް ޚިޔާނާތްތެރިވެ، الله ތަޢާލާ ގަންދީ އަމާނާތްތެރިވެ ހެޔޮ ވެރިކަމެއްކޮށްދޭނެ ކަމަށް ބުނި ރައީސް މުހައްމަދު މުއިއްޒުގެ މިވެރިކަމުގައި 2024 ނިމުނީ ފިތްކަޑައިގެންދާ ވަރުގެ ބިޔަ ވައްކަންތަކުން ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުގެ ޚަރަދުތައް އާމްދަނީއަށް ނުކަތާވަރަށް ބޮޑުކޮށް، ޓެކްސް ފައިސާ ބޭކާރުކޮށް ހޭދަ ކުރި އަހަރެއްގެ ގޮތުގައި 2024 ވަނަ ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ. އަދި ތަފްސީލު ނުދީ ބަޖެޓް ފާސްކުރުމާ ގާނޫނު އަސާސީ ބަދަލުކޮށް މިނިވަން މުވައްސަސާތައް ޙިޞާރުކުރި އަހަރެއްގެ ގޮތުގައިވެސް ޑރ ޖަމީލު ނިމިދޔަ އަހަރު ސިފަކުރައްވާފައެވެ.
މީގެ އިތުރުން މިސްރާބެއް ނެތި ސަރުކާރުން ވިޔަފާރިތަކަށާއި އާންމުންނަށް ނިމިިދިޔަ އަހަރު ދަތިކުރި ކަން ފާހަގަކުރައްވާ، ޑރ ޖަމީލުވަނީ ފެންވަރު ދަށް ކެބިނެޓެއްގެ ސަބަބުން ނިމިދިޔަ އަހަރު ރާއްޖޭގެ ގަވަރނަންސް ފަހަތަށް ދިޔަކަމަށްވެސް ވިދާޅުވެފައެވެ.
ހަމަ އެހެންމެ 2025 ގައި އައު ދިރުމެއް ދިވެހި ގައުމަށް ގެނެވޭނީ ދިވެހި އާންމު ރައްޔިތުން އައު ހިތްވަރެއް ކޮށްގެން، އައު އަޒުމެއްގައި އަތުކުރި އޮޅާލައިގެެންކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.










