އިންތިގާލީ ސަރުކާރުގެ ވެރިޔާ ކަމަށް ޔޫނުސް ހުވާކުރައްވަނީ. / ބަންގްލަދޭޝް މީޑިއާ
ދުނިޔެ
އާ ގާނޫނުއަސާސީއެއް އެކުލަވައިލަން ގޮވައިލާ ބަންގުލަދޭޝްގައި މުޒާހަރާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖެނުއަރީ 2025
މާލެ ސިޓީ

އާ ގާނޫނުއަސާސީއެއް އެކުލަވައިލަން ގޮވައިލާ ބަންގުލަދޭޝްގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފި އެވެ.

ހަސީނާގެ އިސްތިއުފާއަށް ފަހު ބަންގުލަދޭޝްގައި މިހާރު ވެރިކަންކުރަނީ 17 މެމްބަރުގެ މައްޗަށް އެކުލަވާލާފައި އޮތް އިންތިގާލީ ކޮމެޓީއަކުންނެވެ. މި ކޮމެޓީ ހިންގުމަށް ދަރިވަރުންގެ ފަރާތުން އިހުތިޔާރުކުރި މުހައްމަދު ޔޫނުސްއަށް ސަރުކާރު ހިންގެވުމުގެ ގިނަ އިޚުތިޔާރުތަކެއް އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ ދެއްވާފަ އެވެ.

ތަފާތުކުރުމާ ދެކޮޅަށް އުފެއްދި ޔުނިވާސިޓީ ދަރިވަރުންގެ ހަރަކާތުން އެއްބައިވަންތަކަމުގެ ހިނގައިލުމުގެ ނަމުގައި އަންގާރަދުވަހު ބޭއްވި އެއްވުމުގައި މިހާރު ބަންގާޅުގައި އަމަލުކުރާ ގާނޫނުއަސާސީގެ ބަދަލުގައި އާ ގާނޫނުއަސާސީއެއް އެކުލަވައިލާނެކަން އިއުލާނުކުރެއްވުމަށް އެ ގައުމުގެ އިންތިގާލީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް އަށް ވަނީ ގޮވައިލާފަ އެވެ.

މީގެ އިތުރުން ހަސީނާގެ މައްޗަށް ޖިނާއީ ދައުވާކޮށް ޝަރީއަތް ކުރުމަށާއި، އޭނާގެ އަވާމީ ލީގު ޕާޓީ އުވައިލުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވައިލާފައި އެވެ.

އިންޑިއާގެ އެހީތެރިކަމަށް ޝައިޚް ހަސީނާ އެދިވަޑައިގަތީ ބަންގްލަދޭޝްގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޖާނަށް ނުރައްކާޥާ ހިސާބަށް ދިއުމުންނެވެ.
ޝައިޚް ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ވަޑައިގަތީ މި ނިމުނު އަހަރުގެ އޯގަސްޓް ފަހެއް ގައެވެ. ޝައިހު ހަސީނާއަށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ ބަންގުލަދޭޝްގެ މަދަރުސާ ދަރިވަރުން ކުރި މުޒާހަރާތަކެއްގެ ސަބަބުންނެވެ.

ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ. މި ހަމަނުޖެހުންތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބަންގާޅު ސަރުކާރުގެ ލިޔުންތަކުން ދައްކަ އެވެ.

ފާއިތުވި ހަފުތާގައި ރަސްމީކޮށް ބަންގުލަދޭޝުންވަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އިންޑިޔާގައި އެދިފަ އެވެ. މުޒާހަރާވެރިންގެ މަރުތަކާ ގުޅިގެން ހަސީނާގެ މައްޗަށް ކޯޓުގައި ދައުވާކޮށްފައިވާއިރު، އެ ދައުވާތަކުގެ ތެރޭގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގެވުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތައް ހިމެނެ އެވެ.

ބަންގުލަދޭޝްގައި އާންމު އިންތިހާބެއް އޮންނާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ. ނަމަވެސް، ގާނޫނުގައި އޮންނަ ގޮތަށް -- ރައްޔިތުން ހޮވާ ވެރިޔަކު ނެތް ހިނދެއްގައި އަމަލުކުރާ އުސޫލުން -- ތިން މަސް ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ވާއްވަން ޖެހޭނެ ކަމަށް އިދކިޅުން ބުނެ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން އާންމު އިންތިހާބެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. ހަސީނާ ކާމިޔާބު ކުރެއްވި އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved