ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު ފެނުނު 1.4 މިލިއަން ރުފިޔާއާ އަމިއްލަ ކުންފުންޏަކުން ހަވާލުވެއްޖެ އެވެ.
ފުލުހުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނުނު ވާހަކަ މީޑީއާގައި ތިލަވީ އިއްޔެއެވެ.
އެ ކަމާ ގުޅިގެން ރިލެކްސް ފެރީ ސާވިސްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، 2022 ވަނަ އަހަރު ފަޒުލް ކުންފުންޏާ މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ. އެ ފަހަރު ބަނދެފައިވާ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން އެހެން ލޯންޗެއް ބަންނަން މިދިޔަ މަހު ކުރީކޮޅު ފަޒުލަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ހަވާލުކުރި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ފަޒުލް ވެސް މިއަދު ވަނީ ރިލެކްސް ފެރީ ސާވިސްގެ ފޭސްބުކް މެސެޖު ރީޕޯސްޓް ކުރައްވައިފަ އެވެ.
ފަޒުލްގެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު 23ވަނަ ދުވަހުގެ ރެއެެވެ.
އުސޫލުން ބޭރުން، ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވެ، މި މައްސަލައިގައި ހިންގަމުންދާ ކަމަށް ބުނާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ގެ ބަލާ ފާސްކުރަމުން ފުލުހުން ދިޔަ ވަގުތުގައި، ފަޒުލްގެ ބޭބެ ފަޒީލު ރަޝީދު، ވަގަށް "ކަޅު" ދަބަހެއް ގެއިން ބޭރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެސް ވެފަ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވަ ވީޑިއޯއިން ފެންނަ ގޮތުގައި، ފަޒުލްގެ ބޭބެ ފަޒީލް، އެ ދެބެއިންވެސް ދިރިއުޅެމުންދާ ގެކަމުގައިވާ މ. ޒޭވަރުގޭގެ ބެލްކަނީގައި ފޯނެއްގައި ހުރެ ދެކޮޅަށް ހިނގައެވެ. އެއަށްފަހު ގޭތެރެއަށް ވަދެ ސިޑިން މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ސިޑިން ފައިބައިގެންގޮސް ގޭގެ ދޮރުން ނުކުންނަމުން ވަރަށް ސިއްރުން ދެކޮޅު ބަލާލުމަށްފަހު ކަޅު ދަބަހެއް ހިފައިގެން ނުކުމެގެން ދާ މަންޒަރެވެ.
ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.