ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހާޅަފައިވާ އިސްތިއުނާފް މައްސަލަ އޮތީ އެ ކޯޓްގައި ގަނޑުވެފައި ކަމަށް ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވިލިނގިލި ދާއިރަށް އަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓް އަލްއުސްތާޒް އަލީ ޝާހް ވިދާޅުވެއްޖެއެވެ.
ޝާހް މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ޕީއެންއެފް "އަދާހަމަ" ލައިވްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝާހް ވިދާޅުވީ ހައި ކޯޓްގައި މިހާރު އިސްތިއުނާފްގެ ހުރިހާ އަޑުއެހުންތަކެއް ނިންމާފައިވާއިރު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކުރާތީ ވަރަށް ކަންބޮޑުވާކަމަށެވެ.
އަދި އެކަމަކީ ފަހުޒަމާނެއްގައި ވެސް އެކަމަކަށްޓަކައި ހިތާމަ ކުރަންޖެހޭ ކަމެއްކަމަށްވެސް ޝާހް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީ އަދި ދިވެހި ދައުލަތް އެމީހަކަށްޓަކައި ފަހުރުވެރިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިނިވަންކަން ނުލިބެގެން މިއުޅޭ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ހައި ކޯޓްގައި މައްސަލަ ގަނޑުވެފައި އޮތުމުން. މި މައްސަލަ ގަނޑުވެފައި އޮތް އޮތުމަށް ނިމުމެއް އައިސްގެން ރައީސް ޔާމީން މިނިވަން ވާނީ
އޭގެއިތުރުން ޝާހް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކެނޑިނޭޅި ރެޔާ ދުވާލު އިންސާފް ހޯދުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ.
ވަރަށް ބާރު ސްޕީޑެއްގައި ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓްގައި ކުރިޔަށް ގޮސް، ކުއްލިއަކަށް މައްސަލަ ކޯޓްގައި ގަނޑުވެފައި އޮތުމުން ދޭހަވަނީ ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ.