ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ބުރަބޮޑުވެފައިއޮތް މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 523.8 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 628.5 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 838.1 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 942.8 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފައެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.