އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި މިނިސްޓްރީތައް ވަގުތީ ގޮތުން ހިންގާ ދަރުބާރުގެއަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން ހާލަތު ބައްލަވަނީ. / ރައީސް އޮފިސް
ހަބަރު
ހައުސިން މިނިސްޓްރީ އުވާލުމުން މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޖެނުއަރީ 2025
މާލެ ސިޓީ

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލުމާ ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފުންނަށް އަންގައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިސެމްބަރު 26 ވަނަ ދުވަހު ކެބިނެޓަށް ބަދަލު ގެންނަވާފަ އެވެ. މިބަދަލާ އެކު ހައުސިން މިނިސްޓްރީ އުވާލެއްވުމަށްފަހު އެތަނުގައި ކުރަމުން ދިޔަ ބައެއް މަސައްކަތްތައް ވަނީ އެހެން މިނިސްޓްރީތަކަށް ބަދަލުކުރައްވާފަ އެވެ.

މިބަދަލާ އެކު ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބަދަލުކޮށްފައިވަނީ ކޮންސްޓްރަކްޝަން އަދި ފިނޭންސް މިނިސްޓްރީގެ ދަށަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، މިނިސްޓްރީ އުވާލުމާ ގުޅިގެން އާ އޮނިގަނޑެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އޮނިގަނޑު އެކުލަވާލާ ނިމިގެންދާއިރު، ބޭނުން ނުވާ މަގާމުތަކެއް ހުރުމުގެ ފުރުސަތު އޮތުމުން، އެކަން އެހެން ހިނގައިދާނެކަން މުވައްޒަފުންނަށް ހިއްސާކުރީ ކަމަށް ކޮމިޝަންނުން ބުންނެވެ.

ސީއެސްސީން ބުނީ ހައުސިން މިނިސްޓްރީގެ ކޮންޓްރެކްޓް ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ ކޮމިޝަނުގެ ގަވައިދުގެ 222 ވަނަ މާއްދާގެ ދަށުން އެ މުވައްޒަފުންނާ އެކު ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް ނޯޓިސްދީ ދޫކޮށްލާނެ ކަމަށެވެ.

ކޮމިޝަނުން ވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފުންނަށް އެކަަން އަންގައި އެމީހުންގެ ސޮއިކޮށް ލިސްޓެއް ކޮމިޝަނަށް ފޮނުވުމަށް ވެސް އަންގައިފަ އެވެ.

ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި މިދިޔަ މަހުގެ 12 ގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ އެކު އެތަން ވަނީ އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީ ހިމެނޭ ގޮތަށް އެ އިމާރާތުގައި ހިންގަމުން އައި މިނިސްޓްރީތައް ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލާފައި ވަނީ އެތަނަށް ބަދަލުކުރި ފަހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved