އިންޑިއާގެ ޑިފެންސް މިނިސްޓަރު (ކ)، ރާއްޖޭގެ މިނިސްޓަރު ގައްސާނަށް އަސްކަރީ އާލާތްތަކެއް ހަވާލުކުރައްވަނީ / އިންޑިޔާ ޓުޑޭ
ހަބަރު, ސިޔާސީ
އިންޑިއާގެ އިތުރު ރާޑަރުތައް ރާއްޖޭގައި ބަހައްޓަނީ ތަ..؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖެނުއަރީ 2025
މާލެ ސިޓީ

އިންޑިއާއާއި ރާއްޖެ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު އަސްކަރީ އާލާތްތަކެއް ދީފި އެވެ.

މި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުގެ ތެރެއިން، އިންޑިއާ ސަރުކާރުންވަނީ ރާއްޖޭގެ އެދުމުގެ މަތީން ހަތަރު މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުހުރި ދިފާއީ އާލާތްތަކެއް ރާއްޖެ އަށް ދީފައެވެ. މި އާލާތްތަކުގެ ތެރޭގައި ޔޫޓިލިޓީ ވެހިކަލްތަކާއި ބަނދަރުކުރުމަށް ބޭނުންވާ ތަކެތި ހިމެނޭއިރު އިންޑިއާގެ ބެލެހެއްޓުމުގައި ރާއްޖޭގައި ގާއިމްކުރާ ރާޑަރު ސިސްޓަމް ހުރިތީ މީ ޖަވާބު ނުލިބޭ ސުވާލެކެވެ.

ރާއްޖޭގެ ޑިފެންސުން މި ކަމާ ގުޅޭ ގޮތުން އަދި މައުލޫމާތު ހާމަކޮށްފައި ނުވެއެވެ.

ރާޑަރު ސިސްޓަމް ގާއިމްކުރަން މަޝްވަރާ ކުރާއިރު އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބަލަަހައްޓަން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭތީ އިދިކޮޅުގައި މި ސަރުކާރުގެ ވެރިން ތިބިއިރު ވަނީ މި "އަސްކަރީ ސާމާނު" ރާއްޖޭން ބޭރުކުރާނެ ކަމަށް ވައުދުވެފައި އެވެ. އިދިކޮޅުގައި މި ސަރުކާރުގެ ވެރިން ތިބިއިރު ކުރިން ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދެއްކި ވާހަކަތަކެއް ތޯ ނޫނީ ވެރިކަމުގެ ދަހިވެތިކަމުގައި ޖެހި ޗައްކަރެއްތޯ ރައްޔިތުން އަންނަނީ ސުވާލުކުރަމުންނެވެ.

އިދިކޮޅުގައި ތިބި އިރު "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއް ކުރައްވައިގެން ވެރިކަމަށް އައި މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ނަމަވެސް، "އިންޑިއާ އައުޓް" ހަރަކާތަކީ، ރައީސް އަބްދުﷲ ޔާމީންގެ ހަރަކާތެއް ކަމަށާއި އެކަމުގައި މި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެ އެ ގުޅުން ވަރުގަދަ ކުރުމަށް މިހާރު މުއިއްޒު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ އެކި ފަންތީގެ ބޭބޭފުޅުން އިންޑިއާއަށް އެތައް ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެެވެ.

ގައްސާން މައުމޫން އިންޑިއާއަށް ރަސްމީ ދަތުރެއް މިހާރު ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮތްއިރު އެ ދެ ޕާޓީން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސް އެއް ބޭފުޅާ އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޑރ، މުއިއްޒު ހިމެނޭހެން މި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ސިޔާސީ ވެރިން ބައިވެރިވެ ލެއްވި އެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved