ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވައި ޕީއެޗްޑީ ހައްދަވާފައިވާ ކަމަށް ވިދާޅުވެ މިސަރުކާރުގެ ވެރިންނަށް ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރުގެ ހޫނު ރައްދެއް އަމާޒުކުރައްވައިފިއެވެ.
ޢުމަރު ނަސީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަނޑައެޅިގެން އެނގެން ހުރި ކަންކަމުގައިވެސް ސަރުކާރުން އޮޅުވާލުމާއި ދޮގު ހަދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އިންޑިއާ ސިފައިންގެ މައްސަލަ އާއި، ގޭންގްތަކުގެ މައްސަލަ ޢުމަރު ފާހަގަ ކުރެއްވާފައިވެއެވެ.
"ގޭންގް އެއްނެތް، އިންޑިޔާ ސިފައިންނެތް ނެތް: ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވާފަ. ދޮގުގެ ޕީއެޗްޑީ އެއް." ޢުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖޭން ފުރާފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެެވެ. ނަމަވެސް ފޮނުވާލި ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީންގެ ބަޔަކު ވަނީ ރާއްޖެއަށް ގެނެސްފައެވެ.