

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވުރެ ބޮޑަށް ގައުމަށް ޚިޔާނާތްތެރިވި ސަރުކާރެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވަހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުން ދިން ވޯޓަކީ "އިންޑިއާ މިލިޓަރީ އައުޓް" މައްސަލަ ހަމަޖައްސަން ދިން ވޯޓެއް ކަމަށެވެ
އުމަރު ވިދާޅުވީ މި ސަރުކާރަށް ވުރެ ބޮޑަށް ދިވެހި ގައުމަށް ޚިޔާނާތްތެރިވި ސަރުކާރެއް އޭނާ ނުދެކޭ ކަމަށެވެ. އިންޑިއާ އައުޓް މާސްކް އަޅުއްވާ ދިވެހި ރައްޔިތުން ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓާ މިއަދުގެ ސަރުކާރުން ކަންތައްކުރީ އެމްޑީޕީއަށްވުރެ ގޯސްކޮށް ކަމަށް އުމަރު ސިފަކުރެއްވިއެވެ.
އިންޑިއާއާއި އަސްކަރީ ގޮތުން ގާތް ގުޅުން ބާއްވާ އިންޑިއާ ސިފައިން ރާއްޖޭގައި ބެހެއްޓުމަކީ ރަނގަޅު ސްޓްރެޓަޖީއެއް ނޫން ކަމަށާއި އެއީ ގައުމަށް ދިމާވާނެ ބޮޑު ނުރައްކަލެއް ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
ދިވެހި ރައްޔިތުން އުއްމީދުކުރިއޭ އިގޭތޯ އިންޑިއާގެ އަސްކަރީ މައްސަލަ ހަމަޖައްސާނެ ކަމަށް. މި ބޭފުޅުންނަށް ދިން ވޯޓަކީ އެކަމުގެ އުއްމީދުގައި ދިން ވޯޓެކޭ.
އިންޑިއާ އައުޓް ކެމްޕޭން ވިއްކައިގެން ރައްޔިތުން ދިން އުއްމީދީ ވޯޓުގައި ވެރިކަމަށް އައިސް މިއަދުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައި ކަމަށް އުމަރުވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާއި އިސްތިގުލާލަށް މި ސަރުކާރުން ވަނީ ބޮޑު އޮޅުވާލުމެއް އޮޅުވާލާފައި ކަމަށްވެސް އުމަރުގެ ވާހަކައިގައި ވަނީ ބުނެފައެވެ.