March 13, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި / ސޯޝަލް މީޑިއާ

މުއިއްޒު ބުލީ ނުކުރެވޭނެއޭ ބުނެ ބުނި ބޮޑު ބަސް އަނގަޔަށް ވަދެ ހަޖަމް ކުރަން ޖެހިއްޖެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 26, 2025, 03:53 AM
މާލެ ސިޓީ

އިންޑިއާއަށް ރާއްޖެއަށް ބުލީ ނުކުރެވޭނެ އޭ ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ބޮޑު ބަސް އަނގަޔަށް ވަދެ ހަޖަމް ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މޯދީ ރާއްޖެ ގެެނެސް ދިވެހިންނަށް ބުޅި ކުރަން ފުރުސަތު ދީފައިވާތީ އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަދު ސާބިތު މިވީ ރައީސް މުޢިއްޒަކީ ވެރިކަން ހޯދަން ދޮގު ހެދުމުގައި الله އަށް ބިރުވެތިވާ މީހެެއް ނޫންކަމަށް ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އުނބަށް ޖަހާ، ޔޫޓާން ނަގާ އެއްވެސް އުރައްޕެއްނެތް‘ "މޮޔަ" ސިޔާސަތުތަކެއްގެ ވެރިއެއްކަން ވެސް ހާމަވެފައިވާ ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ޢަމަލުތަކުން ފެންނަނީ އެމަނިކުފާނުގެ ވެރިކަމަކީ ޙަގީގީ މުސީބާތެއްކަން ކަމަށާ ވެރިކަން ހޯދަން ވިއްކި ސިޔާސަތުތަކަށް ޣައްދާރުވި މީހެއްކަން ފާހަގަކުރައްވާ ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަކީ ރައްޔިތުންނަށް ދޮގު ވައުދުވުމުގައި ލަދެއް ޙަޔާތެއް ނެތް މީހެއްކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒަކީ ކަކުލު ހުޅުން ވާގިނެތިފައިވާ އެނބުރޭ ވަހުތާނެއް ފަދަ ބޭފުޅެއްކަމަށް ވެސް މިހާރު ހިނގަމުންދާ ކަންކަމުން ސާފުވާ ކަމަށާ އިސްކޮޅާ ނުބައްދަލު ބޮޑު ބަސް ބުނަމުން ދިޔައިރު ތިމަން މަނިކުފާނު، ބޮޑުވަޒީރު މޯދީ ކައިރީ ސަލާން ޖަހަން ޖެހޭނެ ދުވަސް އޮތްކަން އަންދާޒާ ނުކުރެވުނުކަމަަށެވެ.

ދިވެހި ގައުމު ކުޑަ ނަމަވެސް، ބުލީ ނުކުރެވޭނެއޭ ބުނެ ވިދާޅުވި ބޮޑު ބަސް މިއަދު އޮތީ އަމިއްލަ އަނގަޔަށް ވަދެ ޙަޖަމް ކުރަންޖެހިފައިކަމަށް ވެސް ވިދާޅުވެ ޑރ ޖަމީލު ވަނީ މިއަދު ރައީސް މުއިއްޒުގެ ޙާލަތު ބަޔާންކޮށްދެއްވާފައެވެ.

ވެރިކަމާއި ޢިއްޒަތް الله ތަޢާލާ ދެއްވާ ގޮތަށް އެކަން ނިގުޅައި ގަންނަވާ ފަރާތަކީވެސް އެކަނލާގެކަން ކަހަނދާނަށް ގެންނަވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ނިކަމެތިވި މިންވަރު މިމިހާރު ފެންނަމުންދާ ކަމަށެވެ. އެއް ކަމެއް ނުވިކަމަށާ ބޮޑުވަޒީރު މޯދީ ކުރިމަތީގައި ގައުމުގެ ވެރިން ކުޑަކަކޫ ޖައްސުވާފައިވާއިރު މިނިވަންދުވަހުގެ އިޙްތިފާލުގައި ދެން ދިވެހިން ހޭންވީތޯ ނުވަތަ ރޯންވީތޯ އައްސަވާ ޑރ ޖަމީލު ޕޯސްޓު ނިންމަވާލެއްވީ މުހިއްމު ސުވާލަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved