ޖެނުއަރީ 3، 2025: މާލެއަށް ބޯކޮށް ވާރޭވެހި މަގެއްގައި ފެންބޮޑުވެފައި.-- / މިހާރު
ހަބަރު
މާލޭގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖެނުއަރީ 2025
މާލެ ސިޓީ

މާލެއަށް ތާރީހުގައި އެންމެ ބޯކޮށް ވާރޭވެހުނީ ޖެނުއަރީ 3، ގައި ކަމަށާއި އެ ދުވަހު މާލޭގެ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މާލެއަށް ހުއްޓާނުލައި ވެހުނު ބޯ ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ، ހިފައިގެންގުޅޭ ސާމާނާއި އުޅަނދުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށް ފަހު އެންޑީއެމްއޭ އިން ބުނީ މާލެއިން 145 ގެއަކަށް ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދައިފަ އެވެ. އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދަ އެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަނެވެ. އަދި މިއީ އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ތަންތަނަށް ލިބުނު ގެއްލުން އަށް ލައްކައަށް އަރަ އެވެ. އެންޑީއެމްއޭއިން ބުނީ، ހުކުރު ދުވަހުގެ ވިއްސާރައިގައި އަތޮޅު ތެރެއިން ދެ ރަށަކަށް އުދަ އަރައިގެން ރިޕޯޓުކުރިއެވެ. އެއީ ރ. އިނގުރައިދޫއާއި ށ. ނަރުދޫންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އަށް ރަށަކުން ވަނީ ރިޕޯޓުކޮށްފަ އެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved