އަބްދުﷲ ޖާބިރު / -
ހަބަރު
މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރުން ޖާބިރަށް މަނާކޮށްފި
Fathmath Reem
ފާތުމަތު ރީމް
08 ފެބްރުއަރީ 2024
މާލެ ސިޓީ

ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރަށް ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރުކުރުން މަނާކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މޯލްޑިވިއަންއިން މިފަދައިން ނިންމައިފާވަނީ އެ ކުންފުނީގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ވަރަށް ހުތުރު ބަހުރުވައިން ޖާބިރު މުއާމަލާތްކުރެއްވުމާ ގުޅިގެންނެވެ. ޖާބިރު ޕައިލެޓާއި ފަޅުވެރިންނާ ދިމާލަށް އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުކުރަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި މޯލްޑިވިއަންގެ ޕައިލެޓާ ދިމާލަށް ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވައި ހުތުރު އިބާރާތްތައް ޖާބިރުވަނީ ބޭނުންކޮށްފައެވެ.

ޖާބިރުގެ މިއަމަލާ ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާނެ ކަމަށާއި އަދި ފުލުހުންނާ ގުޅިގެން އަޅަން ޖެހޭ ފިޔަފަޅުތައް އަޅަމުން ދާކަމަށެވެ.

މީގެ އިތުރުން އެއްވެސް ފުލައިޓަކުން ޖާބިރަށް ދަތުރުކުރެއްވުން އެ ކުންފުނިން މަނާކޮށްފައިވާކަން އެ ކުންފުނީގެ އޮފިޝަލަކު "ދިޔަރެސް" ނޫހަށް ވަނީ ކަށަވަރުކޮށްދެއްވިއެވެ. އަދި މިއީ އޭވިއޭޝަން އިންޑަސްޓްރީގައި ޕައިލެޓުންނާއި ފަޅުވެރިންނާމެދު އިހާނެތިކޮށް މުއާމަލާތްކުރާ މީހުންނާމެދު އާންމުކޮށް އަޅާ ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރެއްވީ ޖާބިރެވެ. ނަމަވެސް ބޭއަދަބީ ބަހުރުވައިން އާންމުންނާ މުހާތަބުކުރާ މައްސަލާގައި ޕާޓީން ވަކިކޮށް ޖާބިރަށް ދިން ޓިކެޓު އަތުލުމަށް އެމްޑީޕީންވަނީ ނިންމާފައެވެ.

ޖާބިރަކީ މަޖިލީހުގައާއި މަޖިލީހުން ބޭރުގައިވެސް ބޭއަދަބީ ބަހުރުވަ ބޭނުންކޮށް މީހުންނާ ވަރަށް ހުތުރު ބަހުރުވައިން މުހާތަބުކުރާ ބޭފުޅެކެވެ. އެ މައްސަލައަކީ ޖާބިރު މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިންވެސް ފެންމަތިވެފައިވާ މައްސަލަތަކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved