
ޕީއެންސީއަށް މީހުން ވަގަށް ވައްދަނީ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފުންނާ އެމްޑީޕީއިން ރާވައިގެން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙިމު ޝުޖާއު ވިދާޅުވި ވިދާޅުވުމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.
ވައްޑެގެ ރައްދު ޝުޖާއުއަށް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ވައްޑެ ވިދާޅުވީ ރައީސް ޔާމީންއަކީ މަގްބޫލު ބޭފުޅެއްކަމަށާ އެމަނިކުފާނުގެ މަގްބޫލުކަން އިތުރުވަމުންދާކަން މިހާރު ޝުޖާއު ވެސް ގަބޫލުކުރެވޭ ކަމަށެވެ. އަދި ރައީސް ޔާމީންއަށް ޕީއެންސީގެ ފަރާތުން ސަރުކާރު ތަމްސީލުކުރަން ތިބޭ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ބާރު ފޯރުވޭ ކަން ދޭހަވާނަމަ އެއިން އެނގެނީ ރައީސް މުހައްމަދު މުއިއްޒުގެ ބާރު ސަރުކާރުގެ ކަންކަން ނުފޯރާކަން ހާމަވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ވައްޑެ ވަނީ ޕޯސްޓުގައި ލިޔުއްވާފަައެވެ.
ވައްޑެ ވަނީ ޝުޖާއު ޕީއެންއެފަށް ނިސްބަތްކޮށް ވައްކަމުގެ ތުހުމަތު އެޅުވުމުން އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ވައްޑެ ވިދާޅުވީ ޝުޖާއު އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ޕީއެންސީއިން ވައްކަން ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން މަޖިލިސް މެމްބަރުން ވެސް ވަގަށް ނެގީ ކަމަށެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާ ތަމްސީލު ކުރައްވާ ފިއްޓޭ ވަނީ ވަގަށް ޕީއެންސީއަށް ވައްދާފައެވެ. އަދި ގިނަ ރައްޔިތުންތަކެއްވެސް ވަނީ ޕީއެންސީއަށް ވަގަށް ވައްދާފައެވެ.










