ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސަސް މެޓުން މިއަދު ދެވަނަ ފަހަރަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް، މިއަދުގެ 15:30 އިން ފެށިގެން 19:30 އަށެވެ.
މާލެސިޓި ވެސް ހިމެނޭ މި ސަރަހައްދަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެން ވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެނިހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ތިންފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
Alert Yellow for torrential rain and thunderstorms with gust winds of 40mph expected. pic.twitter.com/JF4Z6aWbPe
— Maldives Meteorology (@MetMaldives) January 14, 2025
މެޓު އޮފީހުން މިއަދު ފުރަތަމަ ނެރުނީ ހުދު ސަމާލެކެވެ. އެއަށް ފަހު ސަމާލު ރީނދޫ ސަމާލަށް ބަދަލުކޮށް ވަގުތު އިތުރުކޮށްފައިވާ އިރު މިހާރު މިވަނީ މިއަދުގެ 2 ވަނަ ފަހަރަށް ރީނދޫ ސަމާލު ނެރިފައެވެ.