ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ގެންދަނީ ތުކީ ކިޔާފައި އުނބު ޓާން ނަގާ ވައްކަން ކުރަމުން ކަމަށާ އެކަންކަން ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހުއްޓުވަން ޖެހޭ ކަމަށް ޕްރޮގްރެސިބް ޕާޓީ އޮފް މޯލްޑިވްސްގެ ކުރީގެ ސެނެޓަރ އަދި އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނަިއބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު "ވަގަށް" ޕީއެންސީއަށް ވެއްދި މައްސަަލައަށް ރިއާޔަތްކުރައްވާ އަލިބެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުގެ ދިގު އަތުގެ ލަފުޒު ދިވެހިންނަށް ތައާރަފް ކޮށްދެއްވި ފަރާތް މިއަދު އިންނެވީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު މަނިއްޕުޅެއްގެ ގޮތުއި ނަމަވެސް މިއަދު އެތައް ރައްޔިތުންނެއް ނުހަނު ލޯތްބާއި އެކީގައި ރައްޔިތުންގެ މަޖިލިހަށް ހޮވާފަ ހުރި ބޭފުޅަކު އެނެގީ ވަގަށް ކަމަށެވެ.
މިއަދު ގާނޫނު ހަދާފަވާ ގޮތުން އެ އިއްޒަތްތެރި މެންބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށާ އެއީ އެތައް ރައްޔިތުންގެ އަޑު ގާނޫނު ހަދާ މަޖުލިހުން ކެނޑިގެން ދާނެ ފަދަކަމެއްކަން ފާހަގަކުރައްވާ އަލިބެ ވިދާޅުވީ، އެއީއަކީ “ތުކީ”ކިޔާފައި އަލުން އިޔާދަ ކޮށްލެވޭވަރުގެ ކަމެއް ނޫން ކަމަށާ އެކަމުގައި ބައެއްގެ އިހުމާލު ވަރަށްވެސް ބޮޑު ކަމަށެވެ. އެހެންކަމުން އިހުމާލުވީ ފަރާތްތަކަށް ހަރުކަށި އަދަބު ގާނޫނުގެ ދިގުއަތުން އިސްނަގައިގެން ވެސް އައިސް ހިފެންޖެހޭނެ ކަމަށް އަލިބެގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެއީ އިލެކްޝަންގެ އިދާރީ މައްސަލައަކަށް ވުރެ ބޮޑަށް އޭނާ ހުރި ޕާޓީއިން އޭނާ ބަދަލުކޮށްފައިވާ ޕާޓީގެ ބޮޑު އޮޅުވާލުމަކާއި ހިޔާނާތަކާއި ވައްކަމެއްކަމަށާ އެކަމުގައި ޒިންމާވާ ފަރާތަށް އެކަށޭނަ ފިޔަވަޅު އަޅަން ޖެހޭނެކަމަށް ވިދާޅުވެ އަލިބެ އިތުރަށް ވިދާޅުވީ، އެއީ ނަމޫނާ އަދަބަކަށް ވެސް ވާން ޖެހޭނެއެވެ.
އަލިބެ ވަނީ މިބާވަތުގެ ކަންތައް މިހާރު ޕީއެންސީއިން އާންމު ކަމަކަށް ހަދާފައިވާކަން ފާހަގަކުރައްވާ، އެހެން އެކަން އެކުރަނީ، އެކަށޭނަ އަދަބު ނުދެވޭތީކަމަށް ވިދާޅުވެފައެވެ. އަދި އެކަން ޕީއެންސީއިން ތަކުރާރުކުރަނީ އަދަބެއް ތަންފީޒުވެސް ނުކުރެވޭތީކަމަށާ އެހެން އެކަންކަން ކުރުމުން ހަމަ ތުކީ ކިޔާފަ އުނބު ޓާނެއް ނެގީމާ އެކަން ނިމުނީކަމަށް ހަދާލާތީ ކަމަށްވެސް އަލިބެ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އަލިބެ ވަނީ ގައުމުގެ އަދުލުގެ ނިޒާމުގެ ހަރުދަނާކަން އިތުރު ކުރުމަށް އަޑުގެ ނެތްކޮޅަށް ގޮވާލައްވާފައެވެ. އަދި އެންމެ ހަރުކަށި އިބާރާތުން މިބާވަތުގެ ކަންތައް ކުރާ ފަރާތްތައް ކުށްވެރިވެސް ކުރައްވާފައެވެ.