މީގެ ކުރިން ރާއްޖޭގައި ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލުނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ރެކޯޑު މުގުރާލައިފި ކަމަށް ރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ، "ޗެނަލް13" އިން ގެނެސްދޭ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ގައުމާ ރައްޔިތުންގެ ހާލަތު މިއަދުވަނީ ނުހަނު ދަށް ހާލަތެއް ކަމަށާ އިގްތިސޯދުގެ ވާހަކަ ދެއްކެން ވެސް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަންކަން ހިނގަމުންދާ އުސޫލުގެ ގޮތުން ވެރިކަމުގެ ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިގެން ދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ.
އޭގެ މައިގަނޑު ސަބަބަކީ ވެރިކަމުގެ ފަރާތުން ހަދަމުންދާ ދޮގުތައް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ފުރަތަމަ ކަމަކަށް އާދަޔާ ޚިލާފަށް ދޮގު ހެދުން. ވެރިކަމުގެ ފަރާތުން ދޮގު ހެދުން މިހާރު ބޭސިކު ކަމަކަށް ވެއްޖެ. އެއީ ދެން އެއްވެސް ކަމެއް ނޫން. ހަމަ ހަދާލަނީ. މިފަހަރު ބުނާ އެތި މާދަން ބަދަލުކޮށްލަނީ. އެހެން ގޮތަކަށް އަމަލުކުރަނީ އެހެންވީމާ ވެރިކަމާ މެދު މިހާރު އިތުބާރުކުރަންވީ އެއްވެސް ސަބަބެއް ނެތް. ފަހަރެއްގެ މުއިއްޒު ހިތަށް އަރާފާނެ ވޯޓު އޮތީ މާ ދުރުގައޭ. ވޯޓު ކައިރިވީމަ އަނެއްކާވެސް ދޮގެއް ހަދާލާ ސަލާމަތް ވާނީއޭ. ނަތިޖާއަކީ ސަރުކާރުގެ ހުރިހާ ލެވެލްއެއްގައި މުއިއްޒަށް އިތުބާރު ކެނޑިފައިވަނީ. ރައީސް ޔާމީން މިނިވަން ކުރަންވީ ވައުދާ އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވި ވައުދުވެސް ނުފުއްދާތީ ރައްޔިތުންގެ އިތުބާރު ފުރަތަމަ ހަ މަސް ތެރޭ ސަރުކާރަށް ވަނި ގެއްލިފައި. މިއީ މިހާތަނަށް އެންމެ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ސަރުކާރު. ދެ ވަނަ އޮތީ ނަޝީދުގެ ސަރުކާރު. އެއީ ވެސް އިންތިހާއަށް ދޮގު ހެދި ސަރުކާރެއް. ނަމަވެސް މި ބޭފުޅާ އުޅުއްވަނީ އަދި މާ ކުރީގައި.
އުމަރު އިތުރަށް ވިދާޅުވީ، މި ދައުރަށް ފަހު މި ސަރުކާރުގެ ވެރިން ދާން ޖެހޭނީ ގެއަށް ކަމަށާއި އަންނަ ސަރުކާރުން މި ސަރުކާރުގެ ވެރިން "ޖަލަށް" ނުލިއްޔާ ވެސް ރަނގަޅު ކަމަށެވެ.