މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުުގުރާނެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
އެގޮތުން އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކުރާއިރު، ރާޅުތަކުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓަށް ހުންނާނެކަންވެސް މެޓު އޮފީހުން އަންގައެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވޭނެއެވެ.