ދިވެހިރާއްޖޭގައި މިހާރު މިއޮތީ "ރެސްޓްރިކްޝަންސް އޮފް ޕްރިވިލެޖަސް" (އާރުއޯޕީ)ޖެހިފައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީއިން ނުކުންނަ ކެނޑިޑޭޓުން ތައާރަފްކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، މި ސަރުކާރުން ގެންގުޅެނީ ވަރަށް އަބުއި ސިޔާސަތުތަކެއް ކަމަށާ އެގޮތުން ޚިޔާލު ތަފާތު މީހުންނާ ސަރުކާރުގައި ތިއްބަވާ މީހުން ވާހަކަ ދެއްކުމަކީ މަނާ ކަމެއްގެ ގޮތުގައި މިހާރުގެ ސަރުކާރުގެ ސްޓެންޑާރޑް ވެފައިވާ ކަމަށެވެ.
މި ފެނިގެން ދަނީ ޚިޔާލު ތަފާތު ރައްޓެހިންނާ ވެސް ވާހަކަ ދެއްކުން މިހާރު އުނދަގޫ ކަމަކަށް ހަދާ މަންޒަރު. ޚިޔާލު ތަފާތުވެއްޖެނަމަ ދުރަށް ފެޔަށް ޖެހެން އެބަޖެހޭ ސަރުކާރު ނުރުހިދާނެތީ. މިކަން އަޅުގަޑަށް ސިފަ ކުރެވެނީ ސިފައިންގެ ތެރޭގައި އުޅުނުއިރު ދޭ އަދަބު، "ރެސްޓިރިކްޝަންސް އޮފް ޕްރިވިލެޖަސް (އާރުއޯޕީ) ޖައްސާފައިވާވުމުގެ ގޮތުގައި. ސަރުކާރުގެ ސަބަބުން މުޅި ގައުމު މިއޮތީ އާރުއޯޕީގައި އޭ ދަންނަވަން ޖެހެނީ.
ހުސެއިން ވިދާޅުވީ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނީ އެންމެނެްގެ ވެސް ޚިޔާލާ މަޝްވަރާ ހޯދައިގެން ކަމަށާ ބިނާ ކުރާ ފިކުރުގެ ތެރެއަށް ފަނާ ކުރާ ފިކުރު ވައްދައިގެން މޮޅު ހޯދަން އުޅުނަސް އެކަން ނުވާނެކަމަށެވެ.