މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ)އިން ހުޅުމާލޭގައި މިރޭ ބާއްވަން ނިންމާފައިވާ ކަންމަތީ ޖަލްސާއަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)އިން ހުރަސް އަޅައިފިކަމަށް އެ ޕާޓީއިން ބުނެފިއެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖަލްސާ ބޭއްވުމަށް އެޗްޑީސީ ހުއްދަ ނުދޭން ނިންމާ އެ ޕާޓީއަށް ހުޅުމާލޭގައި މިރޭ ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެ ޕާޓީއިން ވަނީ މިކަމަި ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ހިތާމައާއެކު ދަންނަވަމެވެ. މި ޖަލްސާ ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ނުދިނުމުން، އެމްޑީޕީއަށް މިރޭ ހުޅުމާލޭގައި ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް މިހާރުވަނީ އަންގާފައި. މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ސާފުކޮށް އެނގޭ. https://t.co/06vxALOLRZ
— MDP Secretariat (@MDPSecretariat) January 21, 2025
އެމްޑީޕީއިން މިރޭ ބާއްވަން ނިންމާފައިވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި އޮތީ، ހުޅުމާލެ އެއް ނަމްބަރު ރުއްގަނޑު ސަރަހައްދުގަ އެވެ. މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ 20:30 އިން ފެށިގެންނެވެ.
އެމްޑީޕީގެ ކަންމަތީ ޖަލްސާއަކަށް އެޗްޑީސީއިން ހުރަސް އަޅާފައިވާއިރު އެމްޑީޕީއިން ގެންދަނީ މިމަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ވެް މަސައްކަތްކުރަމުންނެވެ.
ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިން ލިއްބައިދޭ ހައްގަކަށްވާއިރު އެ ހައްގަށް މި ސަރުކާރުން އަރައި ނުގަންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް އެކަންކަން ހަޖަމު ނުކުރެވޭކަން ދަނީ ހާމަވަމުންނެވެ. އެގޮތުން ޕީއެންއެފް އުފައްދަން ޖަލްސާ ބާއްވަން ކުރި މަސައްކަތަކަށްވެސް ފުލުހުން މެދުވެރިކޮށް ހުރަސް އަޅާ ރައްޔިތުން ގަޔަށް ޕެޕަރ ސްޕްރޭ ޖަހާ އަނިޔާކޮށް ހަދާފައި އެރޭ ވެއެވެ.