އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކުރަނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އުސޫލުން ބޭރުން، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވެ، މި ކަމުގެ ޖިނާއީ ތަހުގީގު ފަށާފައިވާއިރު ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ފަޒުލްވެސް ހިމެނޭހެން އެޗްޑީސީގެ ބޯޑު ސަސްޕެންޑްކޮށްފައިވަނިކޮށް ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން ޑިސެމްބަރު 21، ގައި އިސްތިއުފާ ދީފައެވެ.
އޭގެ ފަހުން ފުލުހުންވަނީ ފަޒުލްއާ އޭނާގެ ބޭބެވެސް ދިރިއުޅެމުންދާ ގެ ކަމަށްވާ މ. ޒޭވަރު ބަލާ ފާސްކޮށްފައެވެ. ފުލުހުން ބަލާ ފާސްކުރުން ކުރިއަށް ގެންދަނިކޮށް ފަޒުލްގެ ބޭބެ އެގެއިން ކަޅު ދަބަހެއް ނެރުނު މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖުއެއްވެސް ލީކުވެފައިވެއެވެ.
ފަޒުލްގެ މައްޗަށް މިހާރު ކުރާ ތަހުގީގުގެ ކުރިއަށް ގެންދަނީ އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފަޒުލްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާއިރު ކުރިން ނެރެފައި އޮތް ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މިއީ ގޯތި ވައްކަމާ ގުޅިގެން ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރާކަން ފުލުހުން ހާމަކުރި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ. ނަމަވެސް އެކަން ތިލަވި ފަހުން ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފަ އެވެ.
ގޯތި ވައްކަމުގެ މައްސަލައިގައި ފަޒުލްގެ އިތުރުން، އޭނާގެ ބޭބެ، ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.
ގޯތިތަކުގެ މައްސަލަ ޖުލައި މަހު އެނގުނު ނަމަވެސް، ޖިނާއީ ތަހުގީގެއް ކުރަން ހުށަނާޅައި ފަޒުލް އެކަންކަން ސިއްރުކުރި އެވެ. އެއަށް ފަހު މައްސަލަ ފަޅައި އެރުމާ ހަމައަށް 50 އަށް ވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށްވެ އެވެ. އަދި ވިނަރެސް ފްލެޓާއި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ވެސް ވިއްކި ކަމަށްވެ އެވެ.
އެޗްޑީސީގެ މައްސަލަތައް އޭސީސީ އާއި ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކާ މާ ބޮޑު ތަފްސީލުތަކެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.