ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީ (ވ). / އިސްރާއީލް އަސްކަރިއްޔާ
ދުނިޔެ
ބަލި ގަބޫލުކޮށް ސަހްޔޫނީންގެ އަސްކަރީ ވެރިޔާ އިސްތިއުފާ ދެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ޖެނުއަރީ 2025

ފަލަސްތީނުގެ ހައްގުގައި ހަމާސް ޖަމާއަތުން، 7އޮކްޓޯބަރު 2023 ގައި ދިން ހަމަލާގައި ސަހްޔޫނީންގެ ސަރަހައްދުތަކަށް ވަދެގަނެވުނީ ސަލާމަތީ ބާރުތަކުގެ އިހުމާލުން ކަމަށް ގަބޫލުކޮށް، އެކަމަކު ޒިންމާ ނަގައި، އަންނަ މާޗް މަހުގެ 6ވަނަ ދުވަހު އިސްތިއުފާ ދޭން، ސަހްޔޫނީންގެ އިސްތިއުމާރީ ފައުޖު ވެރިޔާ ނިންމައިފި އެވެ.
ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީގެ އިސްތިއުފާގެ ސިޓީ އަސްކަރިއްޔާއިން ހާމަކޮށްފައި ވާއިރު އޭގައި ބުނެފައިވަނީ، އިސްތިއުފާ ދެނީ އޮކްޓޫބަރު 7 ގެ ހަމަލާ އަކީ އަސްކަރިއްޔާ ފެއިލްވުމުގެ ސަބަބުން ދެވުނު ހަމަލާއެއް ކަމަށް އިއުތިރާފް ވެވިފައި ވާތީ، އެކަމުގެ މައްޗަށް ކަމަށެވެ. މިއާއެކު ސަހްޔޫނީން އަސްކަރިއްޔާއިން ގާޒާގެ ކަންކަމަށް ހާއްސަކޮށްފައިވާ ކޮމާންޑުގެ ވެރިޔާ މޭޖާ ޖެނެރަލް ޔާރޮން ފިންކަލްމަން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

އޭނާ ވިދާޅުވީ ސަހްޔޫނީންގެ ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ތެރެއިން ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްވެފައި ނުވިއަސް، ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާ ކަމަށެވެ.

އެ މީހުން އިސްތިއުފާ ދީފައި މިވަނީ ހަމާސްއާ އެކު އެއްބަސްވެފައިވާ ގާޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުކުރި މީހުން ދޫކޮށްލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ތިން ދުވަސް ފަހުންނެވެ.

ހަމާސްގެ އެތައް ސަތޭކަ ހަތިޔާރު އެޅި ބަޔަކު މީގެ 15 މަސްދުވަސް ކުރިން ސަހްޔޫނީންގެ ވަށައިގެންވާ ފެންސް ފަޅާލުމުގެ ކުރިން ސަހްޔޫނީންގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސް އޮފިޝަލުން ވަނީ ގިނަ އިންޒާރުތަކެއް ދިން އިރު އެ ކަމަށް ފުރަގަސްދީފަ އެވެ. އެ ހާދިސާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 251 މީހަކު ވަނީ ރަހީނުކޮށްފަ އެވެ.

އެއާ އެކު ސަހްޔޫނީން ފެށި ހަނގުރާމާގައި ފަލަސްތީންގެ 47،110 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ގާޒާ ވަނީ ތަޅައި ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ.

ގާތްގަނޑަކަށް 15 މަސް ދުވަހުގެ ހަނގުރާމައަށްފަހު، ގާޒާގެ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ. އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަސީރުންނާއި ގައިދީން މިނިވަންކުރަން ވަނީ ފަށައިފަ އެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved