ޕީއެންއެފްއާ އަލަށް ގުޅިވަޑައިގެން މެމްބަރުންގެ ފޯމުތައް ހަވާލު ކުރަނީ / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންއެފްއާ އަނެއްކާވެސް ގިނަ މެންބަރުންތަކެއް ގުޅިއްޖެ
Fathmath Reem
ފާތުމަތު ރީމް
09 ފެބްރުއަރީ 2024
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ގިނަ އަދަދެއްގެ މެމްބަރުން އަނެއްކާ ވެސް ގުޅިއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ ކެންޑިޑޭޓުން ތައާރަފުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަނި ގިނަ އަދަދެއްގެ މެމްބަރުން ޕީއެންއެފާ ގުޅިފައެވެ.

އެގޮތުން އަލިފުށި ދާއިރާއިންނާ އަދި ތިނަދޫ ދެކުނު ދާއިރާއިން ގިނަ ބަޔަކު ވަނީ ގުޅިފައެވެ. މި ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންއެވެ.

ޕީއެންއެފާ އަލަށް ގުޅެމުން ގިނަ އަދަދެއް މެމްބަރުން ގެންދާއިރު ރައީސް ޔާމީންގެ ފިކުރަކީ މި ގައުމަށް އެންމެ ފައިދާހުރި ފިކުރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަން ތާރީހުން ފެންނަން އެބައޮތް ކަމަށާ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަކީ އެކަމުގެ ހެކި ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނެވެ. އަދި ހަމައެހެންމެ ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.

އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި ޕާޓީގެ މަގްސަދަކީ މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ ބުނަމުންނެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved