ދިވެހިރައްޔިތުންގެ ބޭސްފަރުވާ އާއި ސިއްޙީ ކަންކަން ބަލަހައްޓަން ސަރުކާރުން ހަވާލުކޮށްފައިވާ އާސަންދަ ކުންފުނީގެ ބޮޑު ދެ ޑިޕާރޓްމަންޓް ރޫޅާލާ އާސަންދަ ކުންފުނި ރޫޅާލަން ނިންމައި އެކަން އާސަންދަ އެމް.ޑީ ޒީނިޔާ މުވައްޒަފުންނަށް އަންގައިފި އެވެ.
01 ފެބުރުއަރީ 2025 އިން ފެށިގެން އާސަންދަ ކުންފުނީގެ ބޮޑު ދެ ޑިޕާރޓްމަންޓް ކަމަށްވާ ކްލެއިމްސް ޑިޕާރޓްމެންޓާއި ކޭސް ޕްރޮސެސިންގ ޑިޕާރޓްމަންޓް ރޫޅާލުމުގެ ތެރެއިން އެ ދެ ޑިޕާރޓްމަންޓްގައި 13 އަހަރާއި 10 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް މަސައްކަތްކޮށް ކުންފުނި އުފެދުނީއްސުރެ މަސައްކަތު ތަޖުރިބާ ލިބިފަ ތިބި ގިނަ އަދަދެއްގެ ސީނިއަރ އޮފިސަރ އަދި އޮފިސަރ ލެވެލްގެ މުވައްޒަފުންގެ މަސައްކަތް ގެއްލޭނެ އެވެ. 60 އަށްވުރެ ގިނަ މުވައްޒަފުންގެ މަސައްކަތާއި މުސާރައާއި އިނާޔަތްތަކަށް މިކަމުގެ ސީދާ ގެއްލުން ފޯރާނެ އެވެ.
01 ފެބުރުއަރީ 2025 އިން ފެށިގެން އެ މުވައްޒަފުން ވެސް ދެން މަސައްކަތްކުރަންޖެހޭނީ އާސަންދަ ކައުންޓަރުތަކުގަ އާއި ކޯލްސެންޓަރުތަކުގަ އެވެ. ހަރަދުކުޑަކުރުމުގެ ނަމުގައި، ރެޔާދުވާލު ޑަބަލްޑިއުޓީގައި 16 ގަޑިއިރު މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށް ލިބެމުންދިޔަ -/1000ރ ގެ ސްޕަވައިޒަރީ އެލަވަންސެއް އުނިކުރުމުގެ ބޭނުމުގައި ކުންފުނީގެ މެނޭޖުމަންޓުން މި ނިންމި ނިންމުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން ބޮޑުވެ މަސައްކަތުގެ ރޫހު ގެއްލި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވާން ދަނީ މަޝައްވަރާކުރަމުންނެވެ.
އަދި މުވައްޒަފުންގެ ފަރާތުން މިކަމާގުޅޭ ޕެޓިޝަންތަކެއް ހުށަހެޅުމަށް މުވައްޒަފުން ދަނީ ތައްޔާރުވަމުންނެވެ. ހަމައެއާއެކު، މުވައްޒަފުން މަސައްކަތް ހުއްޓާލަން ނިންމައި، ހަޅުތާލުކޮށް އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފުރަތަމަ ފަހަރަށް މުޅިން މެދުކެނޑިގެން ދިޔުމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ.
ރަމަޟާންމަހުގެ އިނާޔަތް ދެގުނަ ބޮޑުކުރާނެކަމަށް އެއްކޮޅުން ސަރުކާރުން އިއުލާންކުރަމުންދާއިރު ރައްޔިތުންގެ ބޭސްފަރުވާ ކުންފުނީގެ މުވައްޒަފުންނަށް މިހާތަނަށް ލިބެމުންއައި އިނާޔަތްކޮޅުވެސް ކަނޑާލަން ނިންމުމުން ސަރުކާރުން ދައްކާ ވާހަކައިގެ ދެކޮޅު ނުޖެހޭކަމަށް ގިނަބަޔަކު ދަނީ ޝުއޫރުފާޅުކުރަމުންނެވެ.
ކުރީގެ ސަރުކާރުން 2023 ފެށުނު ފަހުން އާސަންދަ ކުންފުނީގެ ޝަރުތުހަމަވާ ގިނަ މުވައްޒަފުންނަށް ދޭން ނިންމާ ރަސްމީކޮށް މުވައްޒަފުންނަށް ލިބޭކަމަށް އަންގާފައިވާ މަގާމުގެ ކުރިއެރުންވެސް މިސަރުކާރު ހަވާލުވެ، ބަޖެޓް ނެތްކަމަށްބުނެ މަޑުޖެއްސުމަށްފަހު، ބޭކާރުގޮތުގައި ސިޔާސީ އެތައްބަޔަކު މަތިމައްޗަށް އިތުރުކޮށް، އެތަނުގައި ގިނަދުވަސްވީ ހިދުމަތްތެރި މުވައްޒަފުންނަށް ލިބެމުންއައި އިނާޔަތްކޮޅުވެސް ކަނޑާ ތިރިކޮށް ޑިޕާރޓްމަންޓްތައް ރޫޅާލަން ނިންމުމަށްފަހު ކުންފުނީގެ އެމްޑީ ޒީނިޔާ ގެންދަވަނީ މިދިޔަ އަހަރެކޭ އެއްފަދައިން އާއަހަރުގެ ޗެންނާއީ މިއުޓް ހޮސްޕިޓަލް (އާސަންދަ މުވައްޒަފުންގެ ބަހުންނަމަ ޒީނިޔާ ހޮސްޕިޓަލް)ގެ އެނިވާރސަރީ ޓްރިޕް އަންނަމަހު 8 އަށް އާސަންދަ މުވައްޒަފުންގެ ޓީމެއް ޝޯރޓްލިސްޓްކުރަމުންނެވެ.
ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރުމުގެ ނިޒާމު ކަމަށްވާ އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރު 2.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ހިސާބުތަކުން އެނގޭ ގޮތުން މިއީ އާސަންދައަށް ބަޖެޓް ކުރި އަދަދަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ.