ދަރާފައި އޮތް ފެނަކައަށް 28 މިލިއަން ރުފިޔާ ދައްކަން ޖެހުން / ފެނަކަ ކޯޕަރޭޝަން
ވިޔަފާރި
ދަރާފައި އޮތް ފެނަކައަށް 28 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏަކަށް ފައިސާ ދެއްކުމަށް އަނެއްކާވެސް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިފަހަރު ހުކުމްކޮށްފައިވަނީ ދިމަހް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ފެނަކައިން 28 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ސިވިލް ކޯޓުގެ ގަޒިއްޔާގައި ބުނިގޮތުގައި އެސެޓް މެނޭޖްމެންޓު ކުންފުނި، ދިމަހް ޕްރައިވެޓް ލިމިޓެޑް އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ހޯދާފައިވާ ހިދުމަތްތަކަށެވެ. އޭރު އެ ކުންފުނިން އެދުނީ ހިދުމަތާއި މުދަލުގެ އަގަށްވާ، 31 މިލިޔަން ރުފިޔާ ހޯދުމަށެވެ.

ގަޒިއްޔާގައި ބުނިގޮތުގައި ދިމަހް ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅީ، އެއްބަސްވި ގޮތަށް ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެދުމުން ވެސް ފެނަކައިން އެކަމަށް އިޖާބަ ނުދިނުމުންނެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ދިމަހް ކުންފުންޏަށް ދައްކަންޖެހޭ 28 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްފަ އެވެ.

ފެނަކައަށް މީގެކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން އިއްވާފައިވެ އެވެ. އެ ކުންފުންޏަކީ އެންމެ ބޮޑަށް ދަރާފައި އޮތް ސަރުކާރު ކުންފުންޏެވެ.

ފެނަކަ ކުންފުނީގެ ދަރަނި ގާތްގަނޑަކަށް 4.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. ފެނަކަ ހިންގަން ދަތިވެ، އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ވެސް ނިންމި އެވެ. ނަމަވެސް އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތް އިރު، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް 1.7 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ހަތް މަސް ތެރޭގައި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved