20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލިތާ 12 ދުވަސްވެގެން ދިޔައިރު އިންތިހާބަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ އެންމެ 18 ފަރާތަކުން ކަން ހާމަވެއްޖެއެވެ.
މިކަން ހާމަކުރައްވާ އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އީސީން އާންމުކޮށް އިޢުލާން ކުރިތާ 12 ދުވަސް ވެފައިވާ ކަމަށެވެ.
އެގޮތުން އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސްކަން ހަނދާންކޮށްދެއްވަމުން ހަބީބް ވިދާޅުވީ އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެެއް ނުދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށާއި މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި ކަން ހާމަކުރައްވާ ހަބީބު އިތުރަށް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް އެދި މިހާތަނަށް އީސީއަށް ލިބިފައި ވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ.
ހަމައެހެންމެ އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ނުލިބި ހިނގައިދާނެކަން ހަނދާންކޮށްދީފައިވެއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
އީސީން ވިދާޅުވީ ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާއިރު އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހެއެވެ. ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ވެސް ހުށަހަޅަންޖެހެއެވެ.