ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ދައުވާ ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ) އާ ދެކޮޅަށް ކޯޓަށް ދާން ގައުމީ އެއާރލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ.
ޗެނަލް13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމުނު ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއިން މޯލްޑިވިއަނުން ނަގާފައިވާ ޓިކެޓްތަކާއި ޗާޓަރު ކުރި ފްލައިޓްތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސް ކުރަން އެ ޕާޓީއަށް އަންގައި ވަނީ މުހުލަތެއްދީފައެވެ.
އެގޮތުން މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އެވިއޭޝަންއިން ވަނީ އެމްޑީޕީއަށް މިދިޔަ ބުދަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ޕާޓީއިން އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓާރ ފްލައިޓްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5،629،861 (ފަަސް މިލިއަން ފަސްދޮޅަސް ދެ ލައްކަ ނުވަހާސް އަށް ސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއަށް އަރާ ކަމަށެވެ.
މޯލްޑިވިއަންނާއި އެމްޑީޕީއިން އެއްބަސްވެފައިވާނީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދެއްކުމަށާއި ނުދައްކައިފިނަމަ ކޯޓަށް ދާނެ ކަމަށް މޯލްޑިވިއަންގެ ސިޓީގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދަން ޕާޓީގެ ސްޕޯކްސް ޕާސަން އަނަސް އަބްދުއް ސައްތާރަށް ފޯނު ކުރި ނަމަވެސް ޖަވާބު ނުދެއްވާތީ އެ ޕާޓީގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.