

އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް ޖަނަވަރީ މަހުގެ ތެރޭގައި ނިމެނޭ ކަމަށް ކުރިން ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އެކަން ނުކޮށް ސަރުކާރުން ލަސްކުރާކަމާ ކުރަނީ ކީއްވެކަން ތޭރަ އޮންލައިން މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި ސަރުކާރުގެ އިސް އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ނިންމި ނަމަވެސް އެކަން ލަސްވަމުން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
އެގޮތުން އެކަން ލަސްކުރަމުން ދަނީ އާރުއޭސީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު މުބީންގެ ފަރާތުން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވަމުން ގެންދަވާ މާލީ މަންފާތަކެއް ނުލިބި ހުއްޓިދާނެކަމުގެ ބިރު އޮތުމުން ކަމަށްވެއެވެ.
މުބީންއަކީ މީގެ ކުރިން އޭނާގެ ހިއްސާ އޮތް މެންދުރު އޮންލައިންއާ އަދި މެންދުރު ޓީވީ މެދުވެރިކޮށް ރައީސް މުއިއްޒަށް ސަނާ ކިޔުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށާ އެގޮތުން މިހާރު މުބީންގެ ހިއްސާ އޭނާގެ އާއިލީ މީހަކަށް ބަދަލުކުރި ނަމަވެސް މެންދުރު އޮންލައިން އިން ގެންދަނީ މެދު ނުކެނޑި ރައީސް މުއިއްޒު ޕްރޮމޯޓުކުރުމުގައި ކަމަށްވެސް އެ އޮފިޝަލް ވަނީ ކިޔައިދީފައެވެ.
މުބީންއަކީ މީގެ ކުރިން ސިޔާސީ ގޮތުން މަންފާ ހޯދަން ރައީސް އަބްދުﷲ ޔާމީނަށްވެސް ސަނާކިޔާ އުޅުނު ބޭފުޅެއްކަމަށްވާއިރު މުބީން މިހާރު ގެންދަވަނީ މަގާމުގެ ދިފާއުގައި ރައީސް މުއިއްޒަށް ސަނާކިޔުމުގައި ދެމި ހުންނަވަމުން ކަމަށް ވެސް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. އާރްއޭސީއެލް އަށް 2023 ވަނަ އަހަރު ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ.
މިދިޔަ އަހަރުގެ އެ ކުންފުންޏަށް ބަޖެޓުން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 90 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރިއެވެ.
އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި ވަކި ސިޔާސީ ބޭފުޅަކާ ގާތް ގުޅުން އޮންނަ ބޭބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާއިރު އާރުއޭސީއެލްއާ އެމްއޭސީއެލް އެއްކޮށްލުމުގެ މަރުހަލާ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތް ސަބަބާމެދު ވިސްނާލަން ޖެހެއެވެ.